ހަނގުރާމައިގެ ރޭހުގައި ޒަމާނުއްސުރެ އެންމެ ވާދަވެރި 2 ގައުމުގެ ގޮތުގައި އޮތް ރަޝިއާއާއި އެމެރިކާގެ ހަތުރުވެރި ގުޅުމުގެ ޗޭނަށް އަނެއްކާވެސް ބޮޅެއް އިތުރުވެއްޖެއެވެ.
އެގޮތުން ރަޝިއާއިން މިހާރު ވަނީ، އެ ގައުމަށް އެރުން މަނާ ކޮށްފައި ވާ އެމެރިކާ އޮފިޝަލުންނާއި އިސް ޝަހްސުންގެ ލިސްޓު އަޕްޑޭޓް ކޮށްފައެވެ. އެ ލިސްޓަށް ރަޝިއާއިން އެންމެ ފަހުން ގެނައި ބަދަލަށް ބަލާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނަންފުޅު އެ ލިސްޓުގައި އެބަ އޮތެވެ.
ބައިޑަންގެ އިތުރުން، ނައިބު ރައީސާ ކަމަލާ ހެރިސް، ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އަދި އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ އަދި ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަންގެ ނަންވެސް އެ ލިސްޓުގައި އެބަ އޮތް ކަމަށް މައުލޫމާތު ލިބެއެވެ.
ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަންފުޅު އެ ލިސްޓުގައި ނެތް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޓްރަމްޕްގެ ޒައާމަތުގައި، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ ކޮޅަށް އެމެރިކާއިން ބުރަވަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ. އަމިއްލަފުޅު ޖާސޫސުން ދެއްވި މައުލޫމާތާ ދެކޮޅަށްވެސް ޓްރަމްޕް ވަނީ ޕޫޓިންއަށް ތައުރީފު ކުރައްވާފައެވެ.
އެބަޔަކަށްޓަކާ ރަޝިއާގެ ބޯޑަރުތައް ބަންދުކޮށްފައިވާ ލިސްޓަކީ، ރަޝިއާއާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ރައްދު ހަމަލާއެއްގެ ރަމްޒު ކަމަށް ދަނީ ސިފަ ކުރަމުންނެވެ. ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެންމެ އިސް ދައުރެއް އަދާ ކުރަނީ އެމެރިކާއިންނެވެ.
އެންމެ ފަހުން ލިސްޓަށް ގެނައި ބަދަލާއެކު، ދާއިމަށް ރަޝިއާގެ ބޯޑަރު، އެބަޔަކަށް ބަންދުކޮށްފައިވާ އެމެރިކާ ރައްޔިތުންގެ އަދަދު މިހާރު ވަނީ 963 އަށް އަރާފައެވެ. މިހާރާއި ކުރީ ސަރުކާރުގެ އޮފިޝަލުންވެސް ލިސްޓުގައި ހިމެނިވަޑައިގަންނަވާއިރު، 2018 ވަނަ އަހަރު އަވަހާރަވި ސެނެޓާ ޖޯން މެކެއިންގެ ނަންވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.