ޓަސްކަންގެ ބަނދަރެއްގައި ފުލުހުން ހިންގާ އޮޕަރޭޝަނެއް ކޮންމެ ކޮންމެ ފަހަރަކު ބައިނަލްއަގުވާމީ ހަބަރުތަކުގެ ފަލަ ސުރުހީއިން ޖާގަ ނުހޯދަފާނެއެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި، "ޝެހެރެޒާދު" އަތުލައިގަތުމަށް އިޓަލީވިލާތުގެ ފުލުހުން ނިންމި ނިންމުން ތަފާތެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ ޔޮޓެއް ކަމަށް ބުނާ ޝެހެރެޒާދު / ފޮޓޯ: ޔޫޓިއުބް

ފުރަތަމަ ކަމަކަށް އެއީ މީހެއް ނޫނެވެ. ނަމަވެސް 459 ފޫޓުގެ ލަގްޒަރީ ޔޮޓެކެވެ. ދެވަނަ ކަމަކަށް ބަލާއިރު، "ޝެހެރެޒާދު"ގެ ވެރިއަކަށް ވުމާ އެންމެ ގާތީ އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުން ނަމަ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއެވެ.

ވިލާތުގެ ބަނދަރުތަކުން ލަގްޒަރީ ޔޮޓްފަހަރު އަތުލައިގަތުމަކީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ރަމްޒަކަށް ވަނީ ވެފައެވެ. އަދި ރަޝިއާގެ ވެރިކަމުގެ ހާންދާނުގައި ކޮރަޕްޝަން ފެތުރިފައި ވާ މިންވަރުގެ ހެއްކަކަށްވެސް ވެފައެވެ.

ރަޝީއާގެ ރައީސް ވްލްޑިމިއާ ޕޫޓިން / ފޮޓޯ: ރޮއިޓާސް

"ޝެހެރެޒާދު"ގެ ފާހާނާގައި ހުރީ ރަން ޕްލޭޓްގެ ސަމާނެވެ. އެ ޔޮޓް ފަރުމާކޮށްފައިވަނީ ހެލިކޮޕްޓަރު ޖެއްސޭ ގޮތަށެވެ. ނަށަން ހާއްސަކޮށްފައި ވާ މައިދާން، ސްވިމިންގް ޕޫލަކަށް ބަދަލުކޮށްލެވެއެވެ. މި ފެންވަރުގެ ޔޮޓެއް ގެންގުޅުމަކީ ސަރުކާރުން ލިބޭ މުސާރައިން ދެކޮޅު ޖެއްސޭނެ ހަރަދެއް ނޫނެވެ.

ތަނެއްގައި އެ ދަރަޖައަށް ކޮރަޕްޝަން ފެތުރިގެން ދިއުމަކީ އާންމު އިބާރާތަށް ތިލަ ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ފުރަތަމަ ކަމަކަށް އޮތީ، އެއީ އެކަކު އެކަނި ކުރެވޭނެ ކަމެއް ނޫން ކަން ގަބޫލު ކުރުމެވެ. އެއީ ބަޔަކު ގުޅިގެން ހިންގާ ޖަރީމާއެއް ކަން ދެނެގަތުމެވެ. ދެވަނަ ކަމަކީ ރަޝިއާގެ އަސްލެވެ. އެ ޖަރީމާގައި ރަޝިއާ ބެދިގެން ދިޔައީ 1990ގެ އަހަރުތަކުގައި ޑިމޮކްރަސީއަށް ވާސިލުވުމަށް ކުރި ނާކާމިޔާބު މަސައްކަތުގެ ތެރެއިންނެވެ.

ގުޅިގެން ހިންގާ ކޮރަޕްޝަން

ކޮރަޕްޝަންގެ ނެޓްވޯކް ފުޅާ ވަމުން ދާ ވަރަކަށް ވަކި ނިޒާމެއް އުފެދިގެން ދެއެވެ. ނިޒާމެއްގެ ތެރެއިން ކޮރަޕްޝަން ހިންގުމަކީ ބައެއް މީހުންނަށް ބަލައިގަނެވިފައި އޮންނަ ކަމެކެވެ. އެފަދަ ނިޒާމަކަށް ދެކޮޅަށް ތެދުވުމަކީ ވަކިވަކި ފަރުދުންނަށް ދަތި ކަމެކެވެ. އަދި އެފަދަ ކަމަކަށް އިންކާރު ކުރުންވެސް ގިނަ ފަހަރު އޮންނަނީ ނުވާ ވަރުގެ ކަމަކަށް ވެފައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން / ފައިލް ފޮޓޯ: ޔާހޫ ނިއުސް

ކޮރަޕްޝަންގެ ނެޓްވޯކަށް ފުރަގަސްދޭ މީހާ ވަނީ ބާކިއެވެ. ޕްރޮމޯޝަނެއްގައި ލައްވާނުލައެވެ. ފައިދާއެއް މަންފާއެއް ނުލިބޭތާ ބާރެއްވެސް ނޯވެއެވެ. ކޮރަޕްޝަނަށް ފަރިތަ މީހާ އާ ދިމާ އިދިކޮޅެވެ. ހަލުވިކަމާއެކު ކުރިއަރާދާ މަންޒަރު ފެންނެއެވެ. އެމީހުންނަށް ނުރައްކަލަކަށް ވެދާނެ ކަމަށް ފެންނަ ހުރިހާ އެންމެނަށް އަދަބުވެސް ދެއެވެ. ނަތީޖާއެއްގެ ގޮތުން، ކޮރަޕްޝަންގެ ކުޅިގަނޑަށް އަރަން ތައްޔާރަށް ތިބޭ މީހުންނަށް ބާރާއި މުއްސަނދިކަން ލިބި، އެނޫން މީހުން ބިކަވެދެއެވެ.

ކޮރަޕްޝަނަކީ ގެއްލުންދެނިވި ކޮރަޕްޝަންގެ ނިޒާމެއް ފަދައެވެ. ހުރިހާ ވަސީލަތެއް ހުންނާނީ ނިޒާމުގެ އެންމެ އުހުގައެވެ. އާބާދީގެ އަގުލަބިއްޔަތު ގުރުބާން ކުރުމަށްފަހުގައެވެ.

ރަޝިއާގައި އެ ދަރަޖައަށް ކޮރަޕްޝަން ފެތުރިފައި ވާ ކަމުގެ ހެއްކަކީ ލަގްޒަރީ ގެދޮރުވެރިކަމާއި ވަރުގަދަ ޔޮޓްފަހަރެވެ. ވެރިންނާއި ވެރިންގެ އަރިސް މެންބަރުން އެ ލައްޒަރު ހޯއްދަވާއިރު، އާންމު ފަރުދުންގެ އަސާސީ ހައްގުތައްވެސް އޮންނަނީ ގުރުބާން ކުރެވިފައެވެ. އެ ވާހަކަ ދުނިޔެއަށް ތިލަކޮށްދޭން ތެދުވާ މީހަކު ހިމޭންކޮށްލައެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން (ކ) އަސްކަރީ ހަތިޔާރެއް ހިއްޕަވައިގެން / ފައިލް ފޮޓޯ: އޭޕީ ނިއުސް

ނުފުދޭ ޑިމޮކްރަސީ

ކޮރަޕްޝަން، އޭގެ އެންމެ އިންތިހާ ދަރަޖައަށް ރަޝިއާގައި މޫލައިގެން ދިޔައީ ކީއްވެތޯ ކުރެވޭ ސުވާލަށް ދޭން އޮތް ޖަވާބު ގުޅެނީ ޑިމޮކްރަސީއާއެވެ. ކުރީގެ ރަޝިއާ ނުވަތަ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުވެސް ކޮރަޕްޝަން އޮތެވެ. ނަމަވެސް 1990ގެ އަހަރުތަކުގެ ކުރީކޮޅު ޑިމޮކްރަސީ ތައާރަފުވާން ފެށި ހިސާބުން، އާ ފުރުސަތުތައް ފަހިވާން ފެށި ހަމައެކަނި އިގުތިސޯދީ އަދި ސިޔާސީ ދާއިރާއަކުން ނޫނެވެ. ޖިނާއީ ކުއްތަކާއި ކޮރަޕްޝަނަށްވެސް ފުރުސަތުތައް ތަނަވަސްވެގެން ދިޔައެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގަކީވެސް ޣައިރު ގާނޫނީ ޖަރީމާ ހިންގަން، ނަހަމަ ގޮތުގައި ބޭނުން ކުރެވިދާނެ ހައްގެކެވެ. ބަޔަކު އެއްތަނަކަށް އެއްވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނައިރު، ކޮރަޕްޝަންގެ އަމަލުތައް ރޭވުމަށްވެސް އެ ކޮށާދެވެނީ މަގެކެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ފޯނު ކޯލެއްގައި / ފައިލް ފޮޓޯ: ރަޝަން ނިއުސް އޭޖެންސީ ޓަސް

ޑިމޮކްރަސީ، އޭގެ ފުރިހަމަ ގޮތުގައި ހިނގާނީ ޗެކް އެންޑް ބެލަންސް ގާއިމު ކުރެވިގެންނެވެ. ވަކި ބަޔަކަށް ހުދުމުހުތާރު ކަމެއް ނުލިބޭނެކަން ކަށަވަރު ކޮށްގެންނެވެ. ކޮންމެ ހައްގަކާއެކު ޒިންމާއެއް އޮތްކަން ދަނެގެންނެވެ. ރަޝިއާގައި އެކަން ވީ ފެއިލްއެވެ. ރަޝިއާގެ ތައްގަނޑަށް ޑިމޮކްރަސީ ފަރުމާ ކުރަމުން ދިޔައިރު، ފޫ ނުބެދި ހުރި އާނގަތަކުން ލޫދިގެން ވަތް ކޮރަޕްޝަން، ވަކި ހިއްޕާލީއެވެ.

1990ގެ އަހަރުތަކުގެ ފަހުކޮޅަށް އައި އިރު ރަޝިއާގައި ކޮރަޕްޝަން ތިޔާގިވެއްޖެއެވެ. 1999 ވަނަ އަހަރު، ރަޝިއާގެ އޭރުގެ ރައީސް ބޮރިސް ޔެލްޓިސިން އާލާސްކަންފުޅާ އުޅުއްވަން ފެއްޓެވުމުން، އާ ވެރިއަކަށް ގައުމު ގޮވާލިއެވެ. ކުރިމަތިކުރި ހުރިހާ ޝަރުތުތަކަކާއެކު ޔެލްޓްސިންއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ލީޑަރު އޭނާ ހާމަ ކުރެއްވިއެވެ. އެއީ ކޭޖީބީގެ ކުރީގެ އޭޖެންޓް، ވްލޭޑްމިއާ ޕޫޓިންއެވެ.