ޔޫކްރައިންގައި މިހާރު ކުރަމުންދާ ހަނގުރާމަ ނިމެން އޮތް ހަމައެކަނި ގޮތަކީ ޑިޕްލޮމަސީ ކަމަށް އެގައުމުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ގައުމީ ޓީވީގައި ވާހަކަފުޅުދައްކަވަމުން ޒެލެންސްކީ ވަނީ ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި ޔޫކްރައިންއަށް ނަސްރު ލިބިދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަނގުރާމަ މުޅިން ހުއްޓުމަކަށް އަންނާނީ މަޝްވަރާގެ މޭޒު ދޮށުން ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ކުރިމަތިލުންތަކާއި ހަނގުރާމައިގެ ފޯރި ގަދަ ވެގެންދާނެ ކަމަށާ، ތަޅާފޮޅާ ލޭ އޮހުރުވިގެންދާ މަންޒަރު ފެންނާނެ ކަމަށާ، ނަމަވެސް ފުރިހަމަ ނިމުން އޮތީ ޑިޕްލޮމަސީގައި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ފަރާތަކުން ދޫދޭން ބޭނުން ނުވާ އިރު، މިއީ މާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސިލްސިލާ ގޮތެއްގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، އެ މަޝްވަރާތައް މިހާރު އޮތީ މެދުކެނޑިފައެވެ. މެދުކެނޑުނުތާ މަހެއްހާ ދުވަސް ވެދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލިފައި ވާ އިރު، ބައިނަލްއަގުވާމީ އިގުތިސޯދަށްވެސް އެ ހަނގުރާމައިގެ ނޭދެވޭ އަސަރު ދަނީ ފޯރަމުންނެވެ. ޔޫކްރައިން ހަނގުރާމާގައި މަރުވި މީހުންގެ ކަށަވަރު އަދަދެއް ސާފު ނުވާ އިރު، މަރުވި މީހުންގެ ތެރޭގައި އާންމުންވެސް ހިމެނެއެވެ.