މީގެ ކުރިން އެފްރިކާ ސަރަހައްދުން ދޭތެރެ ދޭތެރެއިން ފެންނަމުން ދިޔަ މަންކީޕޮކްސް ބަލީގެ ކޭސްތަކެއް ހުޅަނގުގެ ގައުމުތަކުން ފެންނަން ފެށުމާއެކު، އެކަމާ ބެހޭ އިތުރު މަޝްވަރާތައް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯއިން) ކުއްލި ބައްދަލުވުމަކަށް ގޮވާލައިފިއެވެ.

މަންކީޕޮކްސްއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ބައްދަލުވުމަކަށް ގޮވާލާފައި މިވަނީ، ވިލާތު ސަރަހައްދުން މި ބައްޔަށް ކަށަވަރުވި ނުވަތަ ޝައްކު ކުރެވޭ ކޭހުގެ އަދަދު 100 އަށް ވުރެ މައްޗަށް އެރުމުން ކަމަށް ހަބަރު ލިބެއެވެ.

ޖަރުމަނުވިލާތުން ސިފަކުރި ގޮތުގައި ވިލާތުގައި މަންކީޕޮކްސް ފެތުރެމުން ދަނީ އެ ސަރަހައްދުގެ ތާރީހު ނުދެކޭ ފަދަ މިންވަރަކަށެވެ. މަންކީޕޮކްސްގެ ކޭސްތައް ކަށަވަރު ވެފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ސްޕެއިން، ޕޯޗުގަލް، ޖަރުމަނުވިލާތް، އެމެރިކާ އަދި ކެނެޑާ ހިމެނޭއިރު، އޮސްޓްރޭލިއާއިންވެސް ވަނީ ފެނިފައިއެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.

ކަން މިހެން އޮތް ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ދަރަޖާގައި މި ބަލި ފެތުރިގެން ހިނގައިދާނެ ކަމަކަށް ސައެންސްވެރިން ގަބޫލެއް ނުކުރެއެވެ. ޑަބްލިއުއެޗްއޯގެ ކުއްލި ބައްދަލުވުން ކުރިއަށް ދާނީ މިރޭގެ ވަގުތެއްގައެވެ.