އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފިކޭޝަން މަރުހަލާ މިއަދު ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބެންކުގެ ފަރާތުން މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖހެިފައި ވަނީ މި އަހަރުގެ ފަހުކޮގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކޮށް ޕާކިން ސަރަހައްދެއް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ވެސް އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ވަނީ ހަމަޖހެިފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމުގައި ވީހިނދު، އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގްތިސޯދު ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށް އެ މިނިސްްޓްރީން ބުނެއެވެ.