ޔޫކްރައިންއަށް އަރާ ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދާ ރަޝިއާގެ އަސްކަރިއްޔާގެ މެންބަރަކާ ދެކޮޅަށް ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި ކުރިއަށް ގެންދާ ޝަރިއަތުގައި، ހަނގުރާމައިގެ ޖަރީމާތަކަށް އޭނާ އިއުތިރާފުވެއްޖެއެވެ.

އުމުރުން 21 އަހަރުގެ ވަޑީމް ޝިޝިމަރީންއާ ދެކޮޅަށް ކުރިއަށް ގެންދާ މި ޝަރިއަތަކީ، ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައި ވާ ކަމުގެ ކުށުގައި ޔޫކްރައިނުން ކުރިއަށް ގެންދާ ފުރަތަމަ ޝަރިއަތެވެ.

ސާޖަންޓް ޝިޝިމަރީންއާ ދެކޮޅަށް ޔޫކްރައިނުން އުފުލާފައި ވަނީ އިރުމަތީ ޔޫކްރައިން ސަރަހައްދުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ. އެކަމެއް ހިނގީ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް ރަޝިއާގެ އަސްކަރިއްޔާއިން ފެބުރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ހަރަކާތްތެރިވާން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ސާޖަންޓް ޝިޝިމަރީންއާ ދެކޮޅަށް ކުރަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމާއި ދުރާލާ ރާވައިގެން މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ.

ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވީ، އާންމު ރައްޔިތަކު މަރާލި ކަމަށް ރަޝިއާގެ ސިފައިންގެ މީހާ އިއުތިރާފުވެފައި ވާ ކަމަށެވެ. ޔޫކްރައިންގެ ޕްރޮސެކިއުޓަރު ވިދާޅުވީ، ކަލަޝްނިކޯވް އެސޯލްޓް ރައިފަލްއެއް ބޭނުން ކޮށްގެން އުމުރުން 62 އަހަރުގެ މީހަކު މަރާލާފައި ވާ ކަމަށެވެ.

ޔޫކްރައިންގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ރަޝިއާގެ ސިފައިންގެ މީހާ ހަނގުރާމަ ކުރަމުން ދިޔައީ އޭނާގެ މަންމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ޔޫކްރައިންގެ ޗީފް ޕްރޮސެކިއުޓަރު އައިރީނާ ވެނެޑިކްޓޯވާ ވިދާޅުވީ، ތުހުމަތު އަމާޒުވާ 40 މީހަކާއެކު، ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ 11000 ކޭހެއް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.