އިންޑިއާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ މައިދާނުގެ ބާރުތަކާ ނުފޫޒުގެ ކައްޓާއިން ބަލާއިރު ހައްސާސީ ސަރަހައްދެކެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ގައުމުތަކަށް އަމާޒުވާ ސަމާލުކަންވެސް ބޮޑެވެ. ދުނިޔޭގެ ނުފޫޒު މިލްކު ކުރުމަށް ފޫގަޅައިގެން އޮތް އިންޑިއާއާއި ޗައިނާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ކޮންޓްރޯލް ނެގުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރި މަސައްކަތްތައް ފާހަގަ ކުރަން ޖެހެއެވެ.

އެފަދަ އެއް މަންޒިލަކީ، މިއަދު އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ އަވަށްޓެރި ސްރީލަންކާއެވެ. އެގޮތުން ފާއިތުވީ 15 ވަރަކަށް އަހަރަށް ބަލާއިރު، ސްރީލަންކާއާއެކު ވިޔަފާރިއާއި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ގާތް ގުޅުންތަކެއް ބޭއްވުމަށް އިންޑިއާއާއި ޗައިނާއިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ސްރީލަންކާގެ ކޮންޓްރޯލް އަތުލުމުގައި އިންޑިއާގެ މައްޗަށް ޗައިނާއިން ކުރި ހޯދި ކަމީ ގިނަ ބަޔަކު ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް ދަރަނި ދަންތުރައަކަށް މެހި، ބައިނަލްއަގުވާމީ އެހީއަށް ލަންކާއިން ގޮވާލުންވީ، އިންޑިއާގެ ހާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަ ކުރުމަށް އެ ގައުމަށް ލިބުނު އިތުރު ފުރުސަތަކަށެވެ.

ސްރީލަންކާގެ މިނިވަންކަމުގެ ތަރީހު ނުދެކޭ ފަދަ ފުން އަނދަވަޅަކަށް ގައުމު ވެއްޓިފައި ވާ މިދަނޑިވަޅުގައި، އެ ގައުމާ އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމަކީ މިއަދު އިންޑިއާއެވެ. އެހީގެ ގޮތުގައި 1.9 ބިލިއަން ޑޮލަރު ދިނުމަށް އިންޑިއާއިން އެއްބަސްވެފައި ވާ އިރު، އިމްޕޯޓަށް ހާއްސަކޮށްގެން އިތުރު 1.5 ބިލިއަން ޑޮލަރު ދިނުންވެސް ގާތެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާރުން 65000 ޓަނުގެ ގަހުކާނާއާއި، 400000 ޓަނުގެ ހަކަތައިގެ ސަޕްލައި، ސްރީލަންކާއަށް ފޮނުވާފައެވެ. އަދިވެސް އިތުރު ޝިޕްމަންޓްތައް ހުރީއެވެ.

ދެން އޮތީ އެދުމެއް ނެތި ވެދުމެއް ނުކުރާނެ ކަމުގެ ވާހަކައެވެ. އިންޑިއާއިން މިހުރިހާ އެހީއެއް ދެމުން ދާއިރު، އިނގިރޭސިން ބިނާ ކުރި ޓްރިންކޮމަލީ އޮއިލް ޓޭންކް ފާމަށް ވަނުމުގެ ފުރުސަތު، އިންޑިއަން އޮއިލް ކޯޕަރޭޝަނަށް ދިނުމާ ބެހޭ އެއްބަސްވުމެއް މިހާރު އެކުލަވާލާފައި ވާ ކަން ހަނދާންނައްތާލެވޭކަށް ނެތެވެ. އިންޑިއާއިން އަމާޒު ހިފާފައި ވަނީ ޓްރިންކޮމަލީއާ ދާދި ކައިރީގައި 100 މެގަވޮޓްގެ ޕަވާޕްލާންޓެއްވެސް އެޅުމަށެވެ.

ކަން މިހެން އޮތް އިރު، އިންޑިއާގެ އެހީއާ މެދު ލަންކާ ރައްޔިތުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. ސްރީލަންކާގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން އެ ގައުމުގައި އިންޑިއާގެ ނުފޫޒު ގަދަ ކުރަމުން ދިއުމަކީ ސްރީލަންކާގެ އިސްތިގުލާލަށް ލިބޭ ހީނަރުކަމެކެވެ.

ފްރަންޓްލައިން ސޯޝަލިސްޓް ޕާޓީގެ ޕަބޫދާ ޖާޔާގޮދާ ބުނީ ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ބޭނުން އިންޑިއާއިން ކުރަމުން ދިޔައީ އެ ގައުމުގެ ޒާތީ މަސްލަހަތުގެ ފައިދާއަށް ކަމަށެވެ. ފައިސާއާއި ބޭހާއި ކާބޯތަކެތީގެ އެހީ ދިން ކަމަށާ، ނަމަވެސް އިންޑިއާއިން އަދާ ކުރަމުންދަނީ ރަހުމަތްތެރިއެއްގެ ދައުރު ނޫން ކަމަށާ، އިންޑިއާގައި އޮތީ ސިޔާސީ އެޖެންޑާއެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

އިންޑިއާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ފާއިތުވީ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ހޯދި ކުރިއެރުންތަކުގެ މައްޗަށް ގަދަވެގަތުމަށް ކަމަށް އިލްމީ ނަޒަރަކުން ކޮޅުނބުގައި މަސްރަހު ދިރާސާ ކުރާ ބަވާނީ ފޮންސެކާ ތުހުމަތު ކުރެއެވެ.

ސްރީލަންކާ މިއަދު އޮތް ހާލަތަށް އެ ގައުމު ވެއްޓުނު އެންމެ ބޮޑު އެއް ސަބަބަކީ ދަރަނި ހަލާސް ކުރުމުގެ މައްސަލައާ ގުޅިފައި އޮތް ކަމަކަށް ވާ އިރު، އެހީގެ ނަމުގައި އިންޑިއާއިން ދަނީ އިތުރު ތުރާލެއް ޖައްސަމުން ކަމަށް ބުނެ، ހޫނު ބަހުސެއް މިހާރުވެސް ދަނީ ކުރަމުންނެވެ.