ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގައި އެކަށީގެންވާ މިންވަރަށް ބަޖެޓް ނެތް ކަމަށް ބުނެ، އެ ގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން އުވާލައިފިއެވެ.

އޯގަސްޓް 2021ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން ތޯލިބާނުން ދަނީ އިސްލާހުގެ ނަމުގައި އަފްގާނިސްތާނުގެ އިދާރީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ސިލްސިލާ ގޮތެއްގައި ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުން އެކުލަވާލާފައި އޮތް 5 އިދާރާއެއް އުވާލުމަށް ވަނީ ނިންމާފައެވެ. އެ އިދާރާތަކުގެ ތެރޭގައި، އެމެރިކާގެ ތާއީދާއެކު ހިންގަމުން ދިޔަ އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުގެ މުހިންމު މަރުކަޒަކަށް ވި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން ހިމެނެއެވެ.

ހުއްޖަތެއް ކަމުގައި ހެދީ ބަޖެޓެވެ. 501 މިލިއަން ޑޮލަރުގެ ބަޖެޓް ދަރަންޏަކާ ކުރިމަތިލާން ޖެހިފައި ވާ އިރު އިދާރާތައް ހިންގުމުގެ މެއިންޓަނަންސް ހަރަދަކީ "ބޭކާރު" ހަރަދެއް ކަމަށް ތޯލިބާނުން ގަބޫލު ކުރެއެވެ.

ތޯލިބާން ސަރުކާރުގެ ޑެޕިއުޓީ ސްޕޯކްސްޕާސަންއާ ހަވަލާދީ ރޮއިޓާޒްއިން ކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ހަބަރު ދޭ ގޮތުގައި، އެ އިދާރާތަކަކީ ބޭނުމެއް އޮތް އިދާރާތަކެއް ކަމަށް ނުފެންނާތީ، ބަޖެޓްގައި އެ އިދާރާތަކުގެ ހިންގުމުގެ ހަރަދު ހިމަނާފައެއް ނުވެއެވެ. އަދި އިދާރާތައް ވަނީ އުވާލާފައި ކަމަށްވެސް ތަރުޖަމާނާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބަޖެޓް ނެތް ކަމަށް ބުނެ ތޯލިބާނުން އުވާލި އިތުރު އިދާރާތަކުގެ ތެރޭގައި އަފްގާނިސްތާނުގައި ގާނޫނު ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމާ ބެހޭ ކޮމިޝަންވެސް ހިމެނެއެވެ.

ކަން މިހެން އޮތް އިރު، 2021 ވަނަ އަހަރު އަފްގާނިސްތާނުގެ ވެރިކަން، އެ ޖަމާއަތުގެ މުށުތެރެއަށް ތޯލިބާނުން ގެންދިޔައީ، މެދުމިނުގެ ފިކުރުގެ ސަރުކާރެއް ހިންގާނެ ކަމުގެ ވާހަކަތައް ޕްރޮމޯޓް ކޮށްގެންނެވެ. ނަމަވެސް މުހިންމު 2 ކޮމިޝަނެއް އުވާލުމާއެކު، ތޯލިބާނުންގެ ވެރިކަމާ މެދު ގިނަ ބައެއްގެ ހިތްތަކުގައި މިހާރު ވަނީ ސުވާލު އުފެދެން ފަށާފައެވެ.

ތޯލިބާނުންގެ ތަރުޖަމާނު ވަނީ، ބޭނުން ޖެހިއްޖެ ހިނދެއްގައި އެ އިދާރާތަކުގެ މަސައްކަތްތައް އަލުން ފެށުމުގެ ފުރުސަތު އޮތް ކަން ހާމަ ކޮށްފައެވެ.