ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ އެއް ބޭފުޅަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ވިދާޅުވެ، ނަޝީދު ކުރެއްވި ތުހުމަތުތައް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ހުސައިން ވިދާޅުވީ، އެ ހަމަލަތަކުގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރައްވައި، މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނާނެ ވާހަކަތަކެއް ކަމަށެވެ.

އެ ތުހުމަތުތަކުގެ ސަބަބުން، ހުސައިންގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް، އެ ސިޓީގައި އޭނާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މައްސަލަ ބަލަން ނިންމާފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބަލަން އިއުތިރާޒް ކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެކަންޏެވެ. މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީގައި ދެން ބައިވެރިވެ ވަޑައިގަތް މެންބަރުންނަކީ:

  • ގަމު ދާއިރާގެ މެންބަރު އަދި ނައިބު މުގައްރިރު މުހައްމަދު ވިސާމް
  • ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
  • މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
  • ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
  • ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު
  • މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ

ނަޝީދަށް އަމާޒުކޮށް ދިން ހަމަލައަށް އަހަރެއް ވެފައި ވާއިރު، މި މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ހުސައިނަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލައަކީ ހަމައެކަނި ހުސައިންގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ފޮރުވަން ކުރާ މަސައްކަތުގައި ހުސައިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

އެ މެސެޖުތަކަށް ރައްދު ދެއްވައި ހުސައިން ވިދާޅުވީ، ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ އޭނާ ކުރައްވާ ތަހުގީގެއް ނޫން ކަމަށާއި، ތަހުގީގު ކުރިއަށް ނުދަންޏާ އެކަން ބަލަން ޖެހޭނީ ޖޭއެސްސީ ނުވަތަ މަޖިލީހުން ކަމަށެވެ. އަދި އޭނާ އަކީ އެފަދަ ތަހުގީގެއް ހިންގޭނެ ބޭފުޅެއް ނޫން ކަން ވެސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހުސައިން އޭރު ވިދާޅުވެފައިވެއެވެ.