އެ ގައުމުގެ 70 އަށް ވުރެ ގިނަ ދުވަސްވީ މިނިވަންކަމުގެ ތާރީހު ނުދެކޭ ފަދަ އިގުތިސޯދީ އަދި މާލީ ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި ސްރީލަންކާގައި މިވަގުތު ހުރީ އެންމެ ދުވަހެއްގެ ޕެޓްރޯލް ސަޕްލައި ކަމަށް، ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ހާއްސަ މެސެޖުގައި ރަނީލް ވިދާޅުވީ އެ ގައުމަށް ބޭނުންވާ ޒަރޫރީ އިމްޕޯޓްގެ ހަރަދުތައް ފޫބެއްދުމަށް، މިހާރުން މިހާރަށް 75 މިލިއަން ޑޮލަރު ބޭނުން ވާ ކަމަށެވެ. އެއީ ކުރިއަށް މަދު ދުވަސްކޮޅުގެ ހަރަދު ކަމަށްވެސް ރަނީލް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށްޓަކާ އިތުރަށް ފައިސާ ޕްރިންޓް ކުރަންވެސް މަރުކަޒީ ބޭންކަށް ޖެހިފައި ވާ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާގެ ދައުލަތުން ހިންގާ ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ކުރަން ޖެހިދާނެ ކަމަށްވެސް ރަނީލް ވިކްރަމަސިންހަ ވަނީ އިންޒާރު ކުރައްވާފައެވެ.

ގައުމުގައި ބާކީ ހުރީ އެންމެ ދުވަހެއްގެ ޕެޓްރޯލް ސަޕްލައިކަން ފާހަގަ ކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ ކުރިއަށް އޮތީ އާންމު ދިރިއުޅުމުގެ ކަންކަން އިންތިހާއަށް ދަތިވެގެން ދާނެ މަސްތަކެއް ކަމަށެވެ. ނަމަވެސް އަވަށްޓެރި އިންޑިއާއާއެކު ގާއިމު ކޮށްފައިވާ ކްރެޑިޓްލައިން މެދުވެރިކޮށް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕެޓްރޯލާއި ޑީސަލްގެ ސަޕްލައިގެ ކަންކަން ހަމަޖެހުމުގެ އުއްމީދު އެބައޮތް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ މަގުތަކަށް ބަލާއިރު ހުރިހާ ހިސާބެއްގައިހެން ޕެޓްރޯލް ކިއުތައް ދަމާލާފައި ވާ ކަން ފާހަގަ ކުރެވެއެވެ.