އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ އަވަށްޓެރި ސްރީލަންކާގައި ތުއްތު ކުދިންނަށް ދޭ ހިކި ކިރު (ބޭބީ މިލްކް ނުވަތަ އިންފަންޓް ފޯމިއުލާ) ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އަގުތަކަށް އައި ބަދަލަށް ބަލާއިރު، ބޭބީ މިލްކް ޕައުޑަރުގެ 400 ގުރާމް ޕެކެޓެއްގެ އަގުން 1000 ރުޕީޒް ބޮޑުވެގެން ދާނެއެވެ.

މީގެ އިތުރުން އެ ގައުމަށް އިމްޕޯޓް ވިއްކާ އާދައިގެ ހިކި ކިރުގެ އަގުވެސް ވަނީ ބޮޑު ކޮށްފައެވެ. އެގޮތުން އާދައިގެ ހިކި ކިރު ޕައުޑަރުގެ 400 ގުރާމް ޕެކެޓެއް ވިއްކާ އަގު، 230 ރުޕީޒްއިން 1020 އަށް ވިއްކަން ނިންމާފައި ވާ އިރު، 600 ރުޕީޒްއަށް ވިއްކަމުން ދިޔަ 1 ކިލޯގެ ޕެކެޓެއް ދެން ވިއްކާނީ 2545 ރުޕީޒްއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގައި ހިކި ކިރުގެ އުފެއްދުންތައް ވިއްކާ އަގު ބޮޑުކޮށްފައި ވަނީ ކުންފުނިތަކުގެ ނިންމުމަކުންނެވެ. މި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ބޭބީ ޕައުޑަރު ނުވަތަ އިންފަންޓް ފޯމިއުލާ ލިބުން، އިންތިހާއަށް ދަތިވެފައިވާ ވަގުތެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާގެ ބާޒާރުތަކަށްވެސް އިންފަންޓް ފޯމިއުލާގެ ދަތިކަން އޭގެ އެންމެ އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. މައިގަނޑު ސަބަބަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އޮއެވަރުގެ އަސަރު ކަމަށް ވާ އިރު، ދެވަނަ ސަބަބަކީ، އިންފަންޓް ފޯމިއުލާ އުފައްދާ ކާރުހާނާއެއް ބަންދުކޮށް، ދެން ލިބެން ހުރި އުފެއްދުންތަކަށް ޑިމާންޑް ބޮޑުވުމެވެ. އަދި މިހާރު ދަތިކަން ކުރިމަތިވެގެން އުޅެނީ، ލިބެން ހުރި މަދު އެދިކޮޅު، ފޯރާ މީހުން ގަނެ، ގުދަން ކުރަން ފެށުން ކަމަށް ބެލެވެއެވެ.