ބޭރު ގައުމުތަކަށް ދަރާފައިވާ ދަރަންޏާއެކު މާލީ އަދި އިގުތިސޯދީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އަވަށްޓެރި އިންޑިއާއިން ގާއިމު ކޮށްފައިވާ ކްރެޑިޓް ލައިން ފެސިލިޓީ މެދުވެރިކޮށް، 400000 މެޓްރިކް ޓަނުގެ ހަކަތަ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ތެޔޮ ބޯޓު، ލަންކާ ފަޅަށް ވަދެއްޖެއެވެ.

އާންމު ދިރިއުޅުމަށް ކުރިމަތިވެފައިވާ ތަކުލީފުތަކާ ގުޅިގެން ކުރަމުން ދިޔަ މުޒާހަރާތައް އިންތިހާއަށް ނުތަނަވެސްފައިވާ ސްރީލަންކާގެ ފަޅަށް ބޯޓު ވަދެއްޖެކަން، ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ޓްވިޓާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ. ޑެންމާކުގެ ޓޯމް ހެލްވީ ތެޔޮ ޓޭންކަރުގައި އިންޑިއާއިން މިއަދު ލަންކާއަށް ގެންގޮސްފައި ވަނީ ޑީސަލް ކަމަށް ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ 65000 މެޓްރިކް ޓަނުގެ ޔޫރިއާ ކޮމްޕައުންޑް، ސްރީލަންކާއަށް ގެންގޮސްދީފައެވެ.

މިއީ ގަހުކާނާ އުފެއްދުމުގައި ބޭނުން ކުރާ ކެމިކަލް ކޮމްޕައުންޑަކަށް ވާ އިރު، އިންޑިއާއިން ލަންކާއަށް ކެމިކަލް ގަހުކާނާ ގެންދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ގައުމުގެ އޮފިޝަލުން މަޝްވަރާ ކުރައްވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާއަށް އެހީވުމުގެ ނަމުގައި އިންޑިއާއިން ވަނީ، ލޯނާއި ކްރެޑިޓް ލައިންގެ އިތުރުން ކްރެޑިޓް ސްވަޕްގެ ގޮތުގައި މިއަހަރު ފެށުނު ފަހުން 3 ބިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. އަދި އިންޑިއާއިން ވަނީ ސްރީލަންކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން ކަންވެސް ހާމަކޮށްފައެވެ.

ސްރީލަންކާގެ މިނިވަންކަމުގެ ތާރީހު ދުށް އެންމެ ފުން އިގުތިސޯދީ އަދި މާލީ ހީނަރު ކަމުގެ އަނދަވަޅަށް އެ ގައުމު ވެއްޓުމުގެ ސަބަބުތަކުގެ ތެރޭގައި ދަރަނި ހަލާސް ކުރުން ހިމެނޭ އިރު، އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އިންޑިއާއިން އަނެއްކާވެސް ސްރީލަންކާއަށް ލޯނުތަކެއް ދެމުން ދާ ކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، ސުވާލު އުފައްދަމުންނެވެ.