މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ 6 މީހުންގެ މައްސަލަ ކޯޓުގައި ކުރިއަށްގެންދާ ތާވަލު ހިއްސާކުރައްވާފައެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު އަންނަ ޖޫން މަހު 9، 12 އަދި 13 ވަނަ ދުވަހު ހެކި ބަސް ނެގުމުގެ އަޑުއެހުންތައް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރެއިން 22 ހެއްކެއް މުޅިން ސިއްރުކޮށްދޭން އަދި ދިފާއުން ކޯޓަށް ހާޒިރުވެގެން ދިރާސާކުރަން ފުރުސަތު ދެވޭ ގޮތަށް ހަ ހައްކެއް ސިއްރުކޮށްދޭން އެދިފައެވެ. އަދި ގާޒީ ވަނީ ދައުލަތުން އެދިފައިވާ މިންވަރަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދިނުމަށް ނިންމަވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 9 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މީގެތެރެއިން މިހާތަނަށް ހުކުމެއް އިއްވާފައިވަނީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް ރަޝީދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ. މިމައްސަލައިގައި އަދުހަމްގެ މައްޗަށް އިއްވީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ 6 މީހެއްގެ މައްސަލައިގެ އަޑުއެހުން ބާއްވާފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.

މި މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހް އަދި ގާޒީ އާދަމް މުހައްމަދުއެވެ. ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އާދަމް މުހައްމަދުއެވެ.