އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށް ވާ ބަފަލޯ ސިޓީގެ ސުޕާމެކެޓަކަށް އަމާޒުކޮށް، ދޮން ނަސްލުގެ މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

އުމުރުން 18 އަހަރުގެ މީހަކު ދިން އެ ހަމަލާތަކަކީ، ނަސްލީ ނިޔަތް އެކަމުގައި އެކުލެވޭ، ނުރައްކާތެރި، ހައްދުފަހަނައަޅާފައިވާ އަމަލެއް ކަމަށް އެމެރިކާގެ އޮފިޝަލުން ސިފަކުރައްވައެވެ.

އަމިއްލަ ހަށިގަނޑަށް ރައްކަތެރިކަން ލިބޭ ގޮތަށް ހެދުން އަޅައިގެން ހުރި ޒުވާނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ ގެއިން ފެށިގެން އެތައް ގަޑިއިރަކު ދުއްވައިގެން ދެވޭ ހިސާބުގައި ހުރި ތަނެއްގައި ބަޑީގެ ހަމަލާތައް ދޭން ދިޔަ މަންޒަރު، އޭނާ ވަނީ އިންޓެންޓްގައި ބްރޯޑްކާސްޓްވެސް ކޮށްފައެވެ. ޓޮޕްސް ފްރެންޑްލީ މާކެޓްގައި ދިން ބަޑީގެ ހަމަލާތަކުގައި އިތުރު 3 މީހަކު ޒަހަމްވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ދޮން ނަސްލުގެ ޒުވާނާގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި 11 މީހުންނަކީ ކަޅު ނަސްލުގެ މީހުންނަށް ވާ އިރު، އަނެއް 2 މީހުންނަކީ ދޮން ނަސްލުގެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ބަފަލޯ ޕޮލީސް ކޮމިޝަނަރު ޖޯސެފް ގްރަމަގްލިއާ ވިދާޅުވި ގޮތުގައި މަރާލާފައިވަނީ 9 ކަސްޓަމަރެއްގެ އިތުރުން، ސުޕަމާކެޓްގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، ރިޓާޔާ ކޮށްފައިވާ ފުލުސް އޮފިސަރަކެވެ. ގާޑުވަނީ ޒުވާނާއާ ކުރިމަތިލާ، ބަޑިވެސް ޖަހާފައި ކަމަށް ހަބަރު ލިބެއެވެ. ސީންއަށް ދިޔަ ފުލުހުން ޒުވާނާއާ ކުރިމަތިލުމުން، އަމިއްލަ ކަރަށް ބަޑި ޖަހަން އުޅުނު ކަމަށާ، ނަމަވެސް ވާހަކަ ދައްކައިގެން އެކަން ނުކޮށް، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ ކަމަށްވެސް ޕޮލީސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

ގަސްތުގައި މީހުން މެރިކަމުގެ ފުރަތަމަ ދަރަޖައިގެ ދައުވާއް ޒުވާނާއާ ދެކޮޅަށް އުފުލާފައި ވާ އިރު، އެއީ ޕެރޯލްއާ ނުލާ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަނާނެ މައްސަލައެކެވެ.