މިއަދު ބާއްވާ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު ހޮވުމަށް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވޯޓު ލައްވައިފިއެވެ.
ރައީސް ސޯލިހު ވޯޓު ލެއްވީ، ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް މިއަދު ހެނދުނު 10:30 ގައެވެ. ރައީސް ނަޝީދު ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ.
މިއަދު ކުރިއަށް ދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ފޯރި ގަދަ އަދި ވާދަވެރީ، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމެވެ. އެ މަގާމަށް ވާދަކުރައް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދު ހެނދުނު 9 އިން ފެށިގެން ވޯޓުލުން ކުރިއަށް ދާއިރު، މާލެއާއި އަތޮޅުތަކުގައި ޖުމްލަ 194 ވޯޓު ފޮށި ވަނީ ބައްހައްޓާފައެވެ. އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ގި ފޮށިތައް ހުންނާނީ ސްކޫލުތަކުގައެވެ. ހުޅުމާލޭގައި ގާޒީ ސްކޫލުގައި ފޮށި ބަހައްޓާފައި ވާއިރު، ވިލިމަލޭގައި ހުންނާނީ ޔޫތު ސެންޓަރުގައެވެ.
މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެމްބަރުންނަށް ވޯޓުލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެމްބަރުންނަށޤ ވޯޓުލެވޭނެއެވެ.
ޗެއާޕާސަން ހޮވާ އިންތިހާބުގެ އިތުރުން މިއަދު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވާ ވޯޓުވެސް ލާނެއެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް ވާދަ ކުރައްވަނީ، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް އާއި ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.