އެމްޑީޕީގެ ތާރީހުގައިވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާއްގައި ކުރި އެންމެ ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިނަށް ފަހު، ޗެއާޕާސަން ހޮވާ ވޯޓުލުން މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު 9 އިން ވޯޓުލުން ފެށުނު އިރު ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގިނަ ބަޔަކު ނެތް ނަމަވެސް، މާލެ ސަރަހައްދުން އިސްކަންދަރާއި، ތާޖުއްދީން ސްކޫލް ސަރަހައްދުގައި ހެނދުނު 7 އިން ފެށިގެން ބައެއް މީހުން ކިޔުހަދަން ފެށިއެވެ.
މިއަދު އިރުއަރައިގެން އައީ ވިއްސާރައާ އެކު ކަމަށް ވުމުން، ވޯޓުލާން ގިނަ ބަޔަކު ނިކުންނާނެކަމަށް ބެލެވެނީ، ދުވަހުގެ ފުރަތަމަ ދަންފަޅި ދާ ފަހުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. ޗެއާޕާސަން ހޮވާ އިންތިހާބުގެ އިތުރުން މިއަދު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވާ ވޯޓުވެސް ލާނެއެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް ވާދަ ކުރައްވަނީ، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް އާއި ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
މިއަދު ވޯޓުލުން ކުރިއަށް ދާއިރު، މާލެއާއި އަތޮޅުތަކުގައި ޖުމްލަ 194 ވޯޓު ފޮށި ވަނީ ބައްހައްޓާފައެވެ. އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ގި ފޮށިތައް ހުންނާނީ ސްކޫލުތަކުގައެވެ. ހުޅުމާލޭގައި ގާޒީ ސްކޫލުގައި ފޮށި ބަހައްޓާފައި ވާއިރު، ވިލިމަލޭގައި ހުންނާނީ ޔޫތު ސެންޓަރުގައެވެ.
މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެމްބަރުންނަށް ވޯޓުލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެމްބަރުންނަށޤ ވޯޓުލެވޭނެއެވެ.
ޗެއާޕާސަންގެ ދައުރު:
- ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ޕާޓީގެ އެންމެ އިސް ފަރާތް.
- އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން.
- ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމް ކުރުން.
- ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަން ހިންގުން.
- ޕާޓީގެ އުސޫލްތަކަށް ރައްކާތެރިވެ ދެމެހެއްޓުން.
- މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރުން.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އެންމެ ފަހުން އަދާކުރައްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭގެ ކުރިން، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެ މަގާމު ފުރުއްވާފައެވެ.