އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެންފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެންފައިވަނީ މި ހަފްތާ ތެރޭގައެވެ. ސްޓެްކޯގައި އޭނާ އަދާ ކުރައްވަނީ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުގެ މަގާމެވެ. އެ މަގާމަށް އަކްރަމް ހޮވިވަޑައިގަތީ އެ މަގާމަށް ކުރިމަތިލައްވައިގެން ކަން ވަނީ ކަށަވަރު ވެފައެވެ.

އަކްރަމް އީސީގެ ނައިބު ރައިސްގެ މަގާމުން އިސްތުއފާ ދެއްވާފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އީސީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވި އިރު ވަނީ އެއް ދައުރު ފުރިހަމަ ކުރައްވައި ދެވަނަ ދައުރުގެ ދެއަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.

އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެން އިރު، މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާގެ މަގާމު ފުރުއްވަމުން އަންނަނީ ކުރިން އީސީގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަހްމަދު ޝަރީފެވެ. ޝަރީފް ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވަން ފެއްޓެވިތާ އަދި މިވީ ދެމަސް ދުވަހެވެ.