އަވައްޓެރި ސްރީލަންކާގައި އުޅުނު އުމުރުން 62 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދާތާ 9 ދުވަސް ފަހުން އެމީހާ ފެނިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިބްރާހިމް ފެނުނީ އެމީހާ ހޯދުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކޮންސިއުލާ ސްޓާފެއް އެ މީހާ ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލްތައް ބަލަނިކޮށް އެތަނުން ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

މިހާރު އެމީހާއާ އެކު އެ ހޮސްޕިޓަލުގައި ކޮންސިއުލާ ސްތާފް އެބަ ހުރި ކަމަށާއި އެމީހާ އަންނަނީ އޭނާ ގެއްލުމުގެ ކުރިން ހޯދަމުން އައި ސިއްހީ މައްސަލަތަކާ ގުޅޭ ޓްރީމްންޓްތަކެއް ނަގަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ގެއްލުނު ފަހުން އެމީހާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކަން ކަށަވަރު ނުވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ދަ ޕްރެސް" އަަށް އެންގިފައިވާ ގޮތުގައި ގެއްލުނު އިބްރާހިމްގެ އާއިލާއާއި އޭނާއާ މާ ބޮޑު ގުޅުމެއް ނޯވެއެވެ. އެމީހާ ގެއްލިއްގެން ރިޕޯޓް ކުރި އިރުވެސް އެމީހާ ދެ ފަހަރެއްގެ މަތިން ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔަކަން ވެސް ވަނީ އެނގިފައެވެ.

ކިޑްނީ ބައްޔަށް ބޭސް ކުރަމުން އަންނަ އިބްރާހިމް ގެއްލިގެން ހޯދަން އިއުލާންކޮށް ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އެންމެ ފަހުން ދިޔައީ އީދު ދުވަހު ހެނދުނު ދެހިވަލަ މިސްކިތް ކައިރިއަށް ކަމަށެވެ. އެ އަށް ފަހު އޭނާގެ އެއްވެސް ހަބަރެއް އާއިލާއަށް ލިބިފައި ނުވާ ކަމަށެވެ.