ފަލަސްތީނުގައި އިޒްރޭލުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް، ބައިނަލްއަގުވާމީ މީޑިއާއަށް ތިލަ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވާ އަލްޖަޒީރާގެ ތަޖުރިބާކާރު ނޫސްވެރިޔާ، ޝީރީން އަބޫ އަކްލީ، 51، ގެ ގަޔަށް އިޒްރޭލުން ބަޑިޖަހާ މަރާލާފައި ވާ ކަމަށް، ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލަދީ، އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ.

އަލްޖަޒީރާއިން ހަބަރު ދޭގޮތުގައި ޝީރީން މަރާލާފައި ވަނީ، ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕުގައި އިޒްރޭލުން ހިންގަމުން ދިޔަ ރެއިޑެއް ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އޭނާގެ މޫނަށް ބަޑިޖަހައިގެންނެވެ. ޝީރީންގެ މޫނުމައްޗަށް އަމާޒުވެފައި ހުރީ އެންމެ ވަޒަނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަލީ އަލް-ސަމޫދީ ނަމަކަށް އިތުރު ނޫސްވެރިއަކަށްވެސް ހަމަލާ އަމާޒުވި ކަމަށާ، އޭނާގެ ހަށިގަނޑަށް ހަމަލާ އަރާފައި ވަނީ ފުރަގަހުން ކަމަށް ހަބަރު ލިބެއެވެ. އަދި އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެއެވެ.

ވީޑިއޯ ފުޓޭޖާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، އިޒްރޭލުގެ ހަމަލާ އަމާޒުވިއިރު ޝީރީން ހުރީ އޭނާއަކީ މީޑިއާގެ މެންބަރެއްކަން ކަނޑައެޅިގެން އެނގޭހާ ސާފުކޮށް "ޕްރެސް" ޖަހާފައިވާ ޖެކެޓެއްވެސް ލައިގެން ކަމަށެވެ.

ޝީރީންގެ މަރާ ގުޅިގެން އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ވަނީ އިޒްރޭލުގެ ހަމަލާއަކީ ގަސްތުގައި މީހުން މެރުން ކަމަށް ސިފަކޮށް، އެ އަމަލު ކުށްވެރި ކޮށްފައެވެ. އަދި އިޒްރޭލުގެ އަމަލަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ އާންމު އުސޫލުތަކުގެ ރޫހާވެސް ތައާރުޒުވާ އަމަލެއް ކަމަށް އަލްޖަޒީރާ ނެޓްވޯކުން ބުނެއެވެ.

އިޒްރޭލުގެ ނިޔަތަކީ މީޑިއާގެ މެސެޖު، ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކަމަށްވެސް އަލްޖަޒީރާ ނެޓްވޯކުން ވަނީ ތުހުމަތު ކޮށްފައެވެ.

ޝީރީންގެ މަރުގެ ޒިންމާ އުފުލަންޖެހޭނެ ބަޔަކީ އިޒްރޭލުގެ ސަރުކާރާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިޒްރޭލުގެ ބާރުތައް ކަމަށް އަލްޖަޒީރާގެ ބަޔާނުގައިވެއެވެ. އަދި ކަނޑައެޅިގެން އަމާޒުކޮށް، ގަސްތުގައި މީހުން މެރުމުގެ ކުށުގައި އިޒްރޭލުގެ ބާރުތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލުމަށްވެސް، އަލްޖަޒީރާއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.