އިރުމަތީ ސަރަހައްދުގައި ކާމިޔާބު ލިބިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް، ޔޫކްރައިންގައި ދިގުދެމިގެންދާ ހަނގުރާމައެއް ކުރެއްވުމަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ޖާސޫސުން އިންޒާރު ކުރައްވައިފިއެވެ.
އެމެރިކާގެ ޖާސޫސޫން މިފަދަ އިންޒާރެއް ދެއްވާފައި މި ވަނީ، ރަޝިއާގެ އިރުމަތީ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް، ރަޝިއާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ޔޫކްރައިންގެ އިރުމަތިން ޑޮންބާސް ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ރަޝިއާއިން ހަނގުރާމައިގެ ކުޅިބައި ބަދަލު ކުރީ، ޔޫކްރައިންގެ ވެރިރަށް ކިއޭވް ހިފުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.
އެމެރިކާގެ ސެނެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އޭވްރީލް ހައިންސް ވިދާޅުވީ، ޕޫޓިން އަމާޒު ހިއްޕަވާފައި ހުންނެވީ ޑޮންބާސްއަށް ވުރެވެސް ފުޅާ ދާއިރާއެއްގެ ކޮންޓްރޯލް ނެންގެވުމަށް ކަމަށެވެ. ނަމަވެސް، ޕޫޓިން ހިއްޕަވައިގެން ހުންނެވި އަމާޒާއި، ރަޝިއާގެ އަސްކަރީ ގާބިލިއްޔަތުކަމާ ދެމެދު، މިވަގުތު، ހީނަރުކަމުގެ ބޮޑު ފަރަގެއް އެބައޮތް ކަމަށްވެސް ހައިންސް ވިދާޅުވިއެވެ.
ހައިންސް ވިދާޅުވީ، ޕޫޓިން އުއްމީދު ކުރައްވައިގެން ހުންނެވީ ބާޒާރުގައި ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މައްޗަށް ގޮސް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ހަކަތައިގެ އަގުތައް އުފުލި، މަސްރަހު ގޯހުން ގޯހަށް ގޮސް، އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ޔޫކްރައިންއަށް ދެމުންދާ އެހީ ބަލިކަށި ވެގެންދާނެ ވަގުތަކަށް ކަމަށް ވުން ގާތް ކަމަށެވެ.
ރަޝިއާއިން ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރާނީ، އެ ގައުމުގެ ދެމި އޮތުމަށް ނުރައްކާ ކުރިމަތިވެއްޖެ ކަމަށް ޕޫޓިންއަށް ފެނިވަޑައިގެންފި ހިނދެއްގައި އެކަނި ކަމުގައި ވީ ނަމަވެސް، ހަނގުރާމަ ކުރިއަށް ދާ ވަރަކަށް ރަޝިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފާނެ ކަމަށް ހައިންސް ވިދާޅުވިއެވެ.
އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރައިންއަށް އެރީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. ޔޫކްރައިން ހަނގުރާމައަށް 3 މަސް ފުރެން ދާއިރު، އާންމުންގެ އެތައް ހާސް ބައެއްގެ ފުރާނަ މިހާރު ވަނީ ގެއްލިފައެވެ. އަދި އެތައް މިލިއަން ބަޔަކު ދަނީ އެކި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ހިމާޔަތް ހޯދަމުންނެވެ.