ދެމަސް ދުވަހަށް ވުރެ ދިގުލާ ގޮސްފައިވާ ޔޫކްރައިން ހަނގުރާމާގައި މަރުވި އާންމުންގެ އަދަދު، މީގެ ކުރިން އދއިން އާންމު ކުރި ރަސްމީ އަދަދުތަކަށް ވުރެ އެތައް ހާހެއް އިތުރު ކަމަށް، ޔޫކްރައިންގައި ހަރަކާތްތެރިވާ އދގެ އިންސާނީ ހައްގުތަކާ ބެހޭ މޮނިޓަރިންގް މިޝަންއިން ބުނެފިއެވެ.

ސުވިޓްޒަލަންޑްގެ ވެރިރަށް ޖެނީވާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އދގެ އޮފިޝަލަކު ވިދާޅުވީ، އަދާ ހަމައަށް އައިއިރު ޔޫކްރައިން ހަނގުރާމާގައި ފުރާނައަށް ގެއްލުންވި އާންމުންގެ އަދަދު 7061 އަރާ ކަމަށެވެ. އޭގެ ތެރޭގައި، ޔޫކްރައިންގެ އެކި ހިސާބުތަކުން މަރުވި 3381 މީހަކާއި ޒަހަމްވީ 3680 މީހަކު ހިމެނޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މިއީވެސް އަންދާޒާތަކެއް ކަމަށް އދއިން ބުނެއެވެ.

55 މޮނީޓަރެއްގެ މައްޗަށް އެކުލެވޭ އދގެ ޓީމުން ބުނި ގޮތުގައި، މަރުގެ ގިނަ ކޭސްތައް ހިނގާފައިވަނީ، ބޮޑު ސަރަހައްދަކަށް ގެއްލުން ދެނިވި މިސައިލް ފަދަ ހަތިޔާރުތަކުން ދިން ހަމަލާތަކުގައެވެ. އަދި އާންމުންގެ ފުރާނައަށް ގެއްލުން ވަމުންދާ މިންވަރާއި މަދަނީ ތަކެއްޗަށް ލިބެމުންދާ ގެއްލުމަށް ބަލާއިރު، ރަޝިއާއިން ހަމަލާ ދެމުން ދަނީ ވަކި ބަޔަކަށް ބެލުމެއް ނެތިކަން އަންގައިދޭ ކަމަށްވެސް އދގެ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، ރަޝިއާއިން ދަނީ އާންމުންނަށް އަމާޒުކޮށްގެން ހަމަލާ ދޭ ކަމަށް ބުނެ އެ ގައުމަށް އަމާޒު ކުރާ އިލްޒާމްތަކަށް އިންކާރު ކުރަމުންނެވެ. އަދި ޔޫކްރައިންގައި ހިންގަނީ އަސްކަރީ ހާއްސަ އޮޕަރޭޝަނެއް ކަމަށްވެސް ރަޝިއާއިން ބުނެއެވެ. ރަޝިއާގެ ރައީސް، ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އެރީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސުލްހައިގެ މަޝްވަރާތައް ދޭދޭ ފެންވަރުގައި ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، ހަމަލާތަކަށް ހުއްޓުމެއް ގެނެސްފައެއް ނުވެއެވެ.

ޔޫކްރައިންއަށް އަމާޒުކޮށްގެން ރަޝިއާއިން ދެމުންދާ ހަމަލާތައް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށްވެސް އަރަމުން ދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ، ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ތަހުގީގު ކުރަމުންނެވެ.