އިންތިހާއަށް މަސްރަހު ހޫނުވެފައި ވާ އަވަށްޓެރި ސްރީލަންކާގެ އާންމު ހާލަތަށް އަދިވެސް ފިނިކަމެއް ލިބިފައި ނުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިގުތުސޯދީ އަދި މާލީ ހީނަރުކަމާއެކު ޒަރޫރީ ހިދުމަތްތަކަށް ބޮޑުތަނުން ބުރޫ އަރާ، އެތައް ބަޔަކު ހާލުގައި ޖެހުމާއެކު އާންމު ރައްޔިތުން މުޒާހަރާ ކުރަމުންދާ މަހެއްހާ ދުވަސް ވެފައި ވާ އިރު، އެ ހަރަކާތްތަކުގައި ސިޔާސީ ކުލަ ޖެހި، ގައުމުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެގެން ދިޔައީ ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ، އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވި ދަނޑިވަޅާ ދިމާކޮށެވެ.

ކަން މިހެން އޮތް ސްރީލަންކާގެ އާންމު ރައްޔިތުން ވަނީ، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުން ގައުމުން ފިލައިގެން ހިނގައިދާނެ ކަމަށް ބަލާ، ސްރީލަންކާގެ މައި ވައިގެ ބަނދަރަށް ދެވެން އޮންނަ މަގު ބަންދުކޮށް، ޗެކްޕޯސްޓްތައް ގާއިމު ކުރަމުންނެވެ.

ސްރީލަންކާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ އެ ގައުމުގައި ނުފޫޒުގަދަ ވެރިކަމެއް ކުރަމުން ގެންދާ ރާޖަޕަކްސަ އާއިލާގެ ރޭވުމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގު ވާ އިރު، އާންމުންގެ އެތައް ބަޔަކު ވަނީ މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު ވަށާލާފައެވެ. މަހިންދަ ރާޖަޕަކްސަގެ އާއިލީ ގެތަކެއްގައި ހުޅުޖެހިކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

މަހިންދަ ރާޖަޕަކްސަ ވަގުތީ ގޮތުން ހިމާޔަތް ހޯއްދަވަމުން ގެންދަވަނީ އަސްކަރީ މަރުކަޒެއްގައި ކަމަށް ހަބަރު ލިބެއެވެ.

ސިޔާސީ އެކި ފަރާތްތަކަށް ނިސްބަތްވާ 50 އަށް ވުރެ ގިނަ ގޭގައި ހުޅުޖެހި ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އެއިން އެއްވެސް ގެއެއްގައި

ހޯމަ ދުވަހުން ފަށައިގެން ހޫނު ވެފައިވާ ކުރިމަތިލުންތަކުގައި މިހާތަނަށް 7 މީހެއްގެ ފުރާނަ ގެއްލިފައި ވާ އިރު، 200 އެއްހާ މީހުން ޒަހަމް ވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. އިއްޔެއިން ފެށިގެން ކާފިއު އިއުލާން ކޮށްފައި ވާ އިރު ބުދަ ދުވަހުގެ ނިޔަލަށް، ކާފިއުގެ މުހުލަތު މިހާރު ވަނީ ދަންމާލާފައެވެ. އެހެން ނަމަވެސް، މަގުތަކުން ހަމަޖެހުމެއް ނުފެނެއެވެ. އެތައް ބަޔަކު އަދިވެސް ދަނީ ރައީސް ކަމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަވެސް އިސްތިއުފާ ދެއްވުމަށެވެ.