މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލަދީފިއެވެ.

މިޔަރު ހަމަލާ ދިނީ އުމުރުން 62 އަހަރުގެ ދިވެހި މަސްވެރިއަކަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން 14 މީހުންނާއެކު އޭނާ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ، މަސްވެރިކަން ކުރަމުން ދިޔަ ދޯނީގައި ހުރި މީހާ ވެއްޓުނު ވަގުތު އޭނާ އަށް މިޔަރު ހަމަލަދިނުމުން، އެކަން ދޯނިން ވަނީ ކޯސްޓްގާޑަށް އަންގާފައި ކަމަށެވެ.

އެހެންވެ، އެމްއެންޑީއެފްގެ ނޯތާން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ޅ. އަތޮޅުގެ ހޮސްޕިޓަލްގެ ޓީމަކާ އެކު މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި އެ މީހާގެ ހާލު އެހާ ސީރިޔަސް ނޫން ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.