ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެ ތާރީހު ނޭންގޭތީ ހެލްތު ސެންޓަރުގެ ބައެއް މުވައްޒަފުން އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.
މި އިހުތިޖާޖު ކުރަމުންދަނީ މޯލްޑިވްސް ހެލްތު ޕްރޮފޭޝަނަލްސް ޔޫނިއަން (އެޗްޕީޔޫ)ގެ މެންބަރުންނެވެ.
ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި ކުރަމުންދާ މި އިހުތިޖާޖުގެ ބައިިވެރިން އަންނަނީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނާނެ ތާރީހު ބުނުމަށް ގޮވާލަމުންނެވެ. އަދި ތާރީހު އަވަސްކޮށްދިނުމަށް އަންނަނީ ގޮވާލަމުންނެވެ.
މި އިހުތިޖާޖުގެ ބައިވެރިން ބޯޑު ހިފައިގެން އިހުތިޖާޖު ކުތަމުން ދާއިރު މު އިހުތިޖާޖުގައި ބައިވެރިވެފައި ވަނީ ވަރަށް މަދުބައެއް ކަން ފާހަގަކޮށްލެވެ.
ހެލްތު ސެކްޓަރުގެ މީހުންގެ އިތުރުން އެމްއެންޔޫ އަދި އައިޔޫއެމްގެ ޓީޗަރުންގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާތީ އެމްއެންޔޫ އަދި އައިޔޫއެމް ޓީޗަރުން ހަމަހިމޭން އިހުތިޖާޖެއް މިމަހު 8 ވަނަ ދުވަހު ވަނީ ކޮށްފައެވެ. މި އިހުތިޖާޖުގެ ބައިވެރިން ވަނީ އެމީހުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ޔުނިވާސިޓީ މުވައްޒަފުން ބާކީ ނުކޮށްލުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިމަހު 1 ވަނަ ދުވަހުުއެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއެކު ލެކްޗަރަރުންގެ މުސާރަ ބޮޑު ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން ގެންދާތީ އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށް ބުނެފައެވެ. އަދި މިހާރު އެ މަސައްކަތް ދަނީ ފެށިގެން ކުރިޔަށް ކަމަށާއި ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތް ވެސް ކުރިޔަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށާއި ކުރީގައި އެއް މަގާމެއްގައި އެއް މަސައްކަތެއް ކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތާލެވޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތަކީ ދިރާސާތައް ކޮށް އަދި ބަޖެޓުކޮށްގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރައްވާ އެކަން އިއުލާން ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއާ އެ ނޫން ދާއިރާތަކަށް ވެސް މި ބަދަލު އަންނާނެކަން ހާމަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ދިރާސާ ކުރަމުން ގެންދާ ކަން ފާހަގަ ކުރައްވާފައެވެ.