ލަންކާގައި ތިބި ދިވެހީންނަށް ވީ އެންމެ އަވަހަށް، އެހީވާން ދިވެހި ސަރުކާރަށް، ޕީޕީއެމް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
އެމްއާރްއެމްއިން ބުނީ އަވަށްޓެރި ސްރީލަންކާގެ ސިޔާސީ، އިގްތިސާދީ އަދި ދާހިލީ ހާލަތު ބަދަލުވަމުންދާ ގޮތާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުމާއި މެދު އެޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
ޕީޕީއެމްއިން ބުނީ ސްރީލަންކާއަށް ކުރިމަތިވަމުންދާ ނުތަނަވަސް ކަމުން އަރައިގަތުމުގައި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ބޭނުން ހިފާ، ގައިމާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ގައުމުގެ ގާލަތު އާންމު ހާލަތަކަށް ބަދަލުވެގެން ދިއުމަކީ އެކޯލިޝަނާއި ދިވެހި އެންމެހާ ރައްޔިތުންގެ އުންމީދު ކަމަށެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ހިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު، އެ ގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ހާލު ގާތު ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މިހާލަތުގައި އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހި ރައްޔިތުންނަށް އެފަދަ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖައްސައިދިނުމަށް ވެސް ވަނީ ގޮވާލާފައެވެ. ޕީޕީއެމްއިން ވަނީ ބަދަލުވަމުންދާ ހަލާތާއި ގުޅިގެން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވެ ތިބުމަށް އެގައުމުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޕީޕީއެމްގެ އިތުރުން އެމްއާރްއެމްއިން ވެސް ވަނީ ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހީންނަށް ވީ އެންމެ އަވަހަށް، ވެދެވެން އޮތް އެހީއެއް ވެދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
އެމްއާރްއެމް އިން އިތުރަށް ބުނީ ސްރީލަންކާގެ ރައްޔިތުންގެ ހައްގުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އަވަސް މުއްދަތެއްގައި މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެއީ ތައުލީމް އުނގެނުމަށާއި ބޭސްފަރުވާގެ އިތުރުން ވިޔަފާރި ކުރުމަށް ވެސް ގިނައިން ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވަނީ ރާއްޖެއަށް ވެސް ބަދަލުވާން ފަށާފައެވެ.