ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީގެ ސަޕޯޓަރުން، ވެރިރަށް ކޮޅުނބުގެ މުޒާހަރާ މައިދާނަކަށް ވަދެގަނެ، ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާ، ފުލުހުންނާ ކުރިމަތިލާ، މަސްރަހު އިންތިހާއަށް ހޫނުވުމުގެ ސަބަބުން މުޅި ގައުމުގައި ކާފިއުގެ އަމުރު އިއުލާން ކޮށްފައި ވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ގޮތަބާޔާ ރާޖަކަޕްސަގެ ސަޕޯޓަރުންނާއި ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަކަޕްސަގެ ސަޕޯޓަރުންނާ ދެމެދުވެސް ކުރިމަތިލުންތަކެއް ހިންގި ކަމަށް ހަބަރު ލިބެއެވެ.

ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ފެންބަޑީގެ އިތުރުން ކަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. އަދި މި ކުރިމަތިލުންތަކުގައި 36 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހަތިޔާރާއެކު ސިފައިންވެސް މަގުތަކަށް ނުކުމެފައިވާ އިރު، އަސްކަރިއްޔާގެ ރަޔަޓް ސްކޮޑުންވެސް މަގުތަކަށް ނިކުމެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މަހިންދަ ރާޖަޕަކްސަ ވަނީ އޭނާއަށް ތާއީދު ކުރާ މީހުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ގައުމުގެ މަސްލަހަތު އިސްކުރައްވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.

މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވާފައި ވާ އިރު، ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޕްރޮފެސާ ޗަންނާ ޖާޔަސުމާނާވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާގައި ކުއްލި ނުރައްކާ އިއުލާން ކޮށްފައި ވަނިކޮށް، މިއަދު އިއުލާން ކުރި ކާފިއުގެ އަމުރާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ނުލިބެއެވެ.