ސްރީލަންކާގެ މިނިވަންކަމުގެ ތާރީހުގައި އެ ގައުމަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު، އިގުތިސޯދީ އަދި މާލީ ހީނަރުކަމާ ގުޅިގެން އާންމު ރައްޔިތުން ސިލްސިލާ މުޒާހަރާތައް ފެށިފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންނެވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް، ފުރައްސާރައާއި ހަނގާ ކުރުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންނެވި ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ފުރައްސާރަ ކުރަމުން، އާންމުން ވަނީ، ސްރީލަންކާގެ ވެރިކަމުގައި އޮތް ރާޖަޕަކްސަ އާއިލާއިން އެކަން ދޫކޮށްލުމަށް ގޮވާލާ، އަނގަބަހުން ހަނގާ ކުރުމުގެ އަޑުތައް ލައްވާ ހަދާފައެވެ.

ދީނީ އަޅުކަމަކަށް ފައްޅިއަށް ވަޑައިގެންނެވި މަހިންދަ ރާޖަޕަކްސައަށް ފުރައްސާރަ ކުރަމުން ދިޔަ އާންމުން ތިބީ، ދީނީ ސިޓީތަކަކީ "ވަގުންނަށް" ބަންދު ތަންތަން ކަމަށް ބުނާ ބޯޑުތަކެއްވެސް ހިފައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

6 އުޅަނދެއްގެ މައްޗަށް އެކުލެވޭ ގާފިލާއެއްގައި ވަޑައިގެންނެވި މަހިންދަ ރާޖަޕަކްސައަށް މަގު "ސާފުކޮށްދިނުމުގެ" މަސައްކަތުގައި ހަތިޔާރާއެކު ތިބި އަސްކަރީ ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

ދީނީ އަޅުކަމުގެ ފައްޅި ހުރި ސިޓީއަށް މަހިންދަ ރާޖަޕަކްސަ ވަޑައިގަތީ އެއްގަމު މަގުން ކަމުގައި ވީ ނަމަވެސް، އެނބުރި ކޮޅުނބަށް ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޒަރޫރީ ގޭހާއި ޕެޓްރޯލް އަދި ޑީސަލް ލިބުން ދަތިވެގެން މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ގިނަ މަގުތަކެއް ބަންދުކޮށްފައެވެ. ލަންކާގެ ދިފާއީ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މުޒާހަރާގެ ބައިވެރިން އަމަލު ކުރަމުން ދިޔައީ އިންޒާރު ދެނިވި ރޫހެއްގައި ކަމަށާ،އެ އަމަލުތަކުގެ ސަބަބުން ޒަރޫރީ ހިދުމަތްތަކަށް ބުރޫ އަރާފައި ވާ ކަމަށެވެ.

ސްރީލަންކާ ހާލަތު ގޯހުން ގޯހަށް ދާ މި ދަނޑިވަޅުގައި، އެ ގައުމުގެ ސަރުކާރުން ވަނީ ކުއްލި ނުރައްކާވެސް އިއުލާން ކޮށްފައެވެ. ޓްރޭޑް ޔޫނިއަންތަކުން ހަޅުތާލާއި އިހުތިޖާޖު ފަށާ، ގައުމު މުޅިންހެން ހުއްޓުމަކަށް ގެނެސްފައި ވަނިކޮށް ސްރީލަންކާގެ ސަރުކާރުން ކުއްލި ނުރައްކަލުގެ އަމުރު ތަންފީޒު ކުރަން ފެށުމާއެކު، މީހުން ހައްޔަރު ކުރުމުގެ ފުރިހަމަ ބާރު މިހާރު އޮތީ އަސްކަރިއްޔާގެ އަތްމަތީގައެވެ.