ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް މި މަހުގެ 2 ވަނަ ދުވަހުން ފށިގެން ކުރިއަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ މަސައްކަތް ހުއްޓާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި މަހުގެ ދެވަނަ ދުވަހު ޏ. ފުވައްމުލަކު ނެރު ކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލަާފައިވާ ކަމަށެވެ. ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއާ މޭލު، ކަނޑުގެ މަގުން (ސާފޭސް ސާޗު) 760 ސްކެއާ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައި ކަމަށެވެ.
މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވް ކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން ކޯސްޓްގާޑް ހާބަރު ޕެޓްރޯލް އުޅަނދުތަކާއި އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ވަނީ ބޭނުން ކޮށްފައެވެ.
ޑައިވަރު ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑް ޑައިވަރުން ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާކުރެވޭ އާލާތެއް މި މަހުގެ 3 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އެއަށް ފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ވަނީ ބަލާފައެވެ. މީގެ އިތުރުން މި މަހުގެ 4 ވަނަ ދުވަހު ކުރި ޑައިވްގައި ކަނޑުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ވެސް ވަނީ ފެނިފައެވެ. ނަމަވެސް މިއަދު އެ އޮޕަރޭޝަން ނިންމާލިއިރު ވެސް ސައީދު ފެނިފައެއް ނުވެއެވެ.
ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް އެމްއެންޑީއެފުން ވަނީ ލަފާ ކޮށްފައެވެ.
ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ މެއި 2، 2022 ވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ. ސައީދު ޑައިވިނަށް ފޭބީ ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށެވެ.