ޔޫކްރައިންގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ 200 ހޮސްޕިޓަލަކާއި ކުލިނިކަކަށް ހަމަލާ ދީފައި ވާ ކަމަށް ރެކޯޑް ކޮށްފައި ވާ ކަމަށާ، ހަމަލާތަކުގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމުގެ ތަހުގީގުތައް މިހާރު ކުރިއަށް ދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޔޫކްރައިންގެ ވެރިރަށް ކިއޭވްގައި ހުންނަވާ، ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ އެމާޖެންސީސް ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް، ގަސްތުގައި ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ދީފައިވާ ހަމަލާތައް ގާތުން ބަލަމުން ގެންދާ ކަމަށާ، ހަމަލާތަކުގެ ފަހަތުގައި ވާ މަގުސަދު ދެނެގަތުމުގައި އދގެ ނިޒާމާއި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ގެންގުޅޭ އުސޫލުތަކާއި އަދިވެސް އެހެން ފަރާތްތަކުން ހިންގާ ތަހުގީގުތަކަށް އިތުބާރު ކުރައްވާ ކަމަށްވެސް ޑރ ރާޔަން ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯސް އެޑަނޮމް ގެބްރިޔޭސޫސްއާއެކު ކުއްލި ގޮތަކަށް ކިއޭވްއަށް ވަޑައިގެން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ހަމަލާ ދިނުމުން އެއްކިބާ ވުމަކީ ހަނގުރާމާގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

އަސްކަރީ ހާއްސަ އޮޕަރޭޝަންގެ ނަމުގައި ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދާ ހަރަކާތްތަކުގައި ހަނގުރާމާއިގެ ޖަރީމާ ހިންގާ ކަމަށް ބުނެ، ޔޫކްރައިންއާއި ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ ތުހުމަތުތަކަކަށް ރަޝިއާއިން މީގެ ކުރިން ވަނީ އިންކާރު ކޮށްފައެވެ. އަދި ހަނގުރާމާގައި އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ރަޝިއާއިން ވަނީ އިންކާރު ކޮށްފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންއަށް އެރި ފަހުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް 400 އެއްހާ ހަމަލާ ދީފައި ވާ ކަމަށް ޔޫކްރައިން ސަރުކާރުން ތުހުމަތު ކުރެއެވެ.