އަންހެނުންނަށް ދެން ބޭރަށް ނިކުމެވޭނީ މޫނު ނިވާ ކޮށްގެން ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަންގާ، ގަރާރެއް ނެރެފިއެވެ.

ތޯލިބާނުން އާންމު ކުރި އާ ގަވައިދުގައި އަންހެނުން ނިގާބު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފެއިލްވާ އަންހެނުންގެ ބެލެނިވެރި ފިރިހެނެއްގެ ގާތަށް ކަމާ ބެހޭ ފަރާތްތަކުން ޒިޔާރަތްކޮށް، ނަސޭހަތް ތެރި ވާނެ ކަމަށާ، އަދި އެވަރުންވެސް ނުވެއްޖެނަމަ، ޖަލަށް ލާ، ހުކުމް އިއްވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަފްގާނިސްތާނު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ތެރެއިން، އާ ގަވައިދަށް އިހުތިރާމް ނުކުރާ ފަރާތްތައް، ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އާންމު ދިރިއުޅުމުގެ ކަންކަމުގައި އަންހެނުން ހުރަސްތައް ކުރިމަތި ކުރާ ކަމުގެ ތުހުމަތު، ސިލްސިލާ ގޮތެއްގައި ތޯލިބާނުންނަށް އަމާޒުވެއެވެ. ނަމަވެސް އޯގަސްޓް 2021 ގައި، އެ ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގީ، މިހާރު އެއީ ބަދަލުވެފައިވާ ޖަމާއަތެއް ކަމަށް ބުނަމުންނެވެ.

ޑިސެމްބަރު 2021 ގައި ތޯލިބާނުން ވަނީ ބުރުގާ ނާޅާ ތިބޭ އަންހެނުންނަށް ކާރުތަކުގައި ޓެކްސީ ހިދުމަތް ދިނުންވެސް މަނާ ކޮށްފައެވެ. ކަމާ ބެހޭ ތޯލިބާން ވުޒާރާގެ ތަރުޖަމާނު، މުޙައްމަދު ސޯދިގު ހާކިފް ބުނީ، އެ ފިޔަވަޅަކީ ނުރައްކާތަކުން އަންހެނުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެފައެވެ.

ނޮވެމްބަރު 2021 ގައި ތޯލިބާނުން ވަނީ، ޑްރާމާތަކާއި މުނިފޫހިފިލުވާ ޝޯތަކުގައި އަންހެން ފަންނުވެރިން ބައިވެރިކުރުން މަނާކޮށް، އަފްގާނިސްތާނުގެ ބްރޯޑްކާސްޓް ގައިޑްލައިނަށް ބަދަލު ގެނެސްފައެވެ.

ނަމަވެސް ތޯލިބާނުން ވަނީ އިލްމު އުނގެނުމަށް އަންހެނުންނަށް އޮތް ފުރުސަތު ބަންދު ނުކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ތޯލިބާނުން ވަނީ ވަކި އުސޫލެއްގެ ދަށުން، ދެ ޖިންސު ވަކިކޮށް، ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު، ކޮންމެވެސް މިންވަރަކަށް ދޫކޮށްފައެވެ. ނަމަވެސް، ގިނަ ބައެއްގެ ފާޑުކިއުންތައް އެކަމާ ގުޅިގެންވެސް ތޯލިބާނުންނަށް ވަނީ އަމާޒުވެފައެވެ.