އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަވަށްޓެރި އިންޑިއާގެ ސަރުކާރުން ދޫކޮށްފައިވާ ކްރެޑިޓްލައިން ފެސިލިޓީ މެދުވެރިކޮށް، ސްރީލަންކާއާށް އިމްޕޯޓް ކުރީ ވޯޓާ ކެނަން އުޅަނދު ކަމަށް ބުނެ، ދެކެވެމުންދާ ވާހަކަތައް، ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ދޮގު ކޮށްފިއެވެ.

ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވޯޓާ ކެނަން އުޅަނދު އިމްޕޯޓް ކޮށްފައި ވާ ކަމަށް ބުނެ، ފެތުރެމުން ދަނީ އަސްލަށް ބަލާއިރު ހަގީގަތެއް އެކަމުގައި އެކުލެވިގެން ނުވާ ރިޕޯޓްތަކެއް ކަމަށެވެ. އިންޑިއާއިން ސްރީލަންކާއަށް ދޫކޮށްފައިވާ އެއްވެސް ކްރެޑިޓްލައިނެއް މެދުވެރިކޮށް، އެފަދަ އުޅަނދުތަކެއް ސްރީލަންކާއަށް، އިންޑިއާއިން ދީ ފައި ނުވާނެ ކަމަށްވެސް ހައި ކޮމިޝަނުގެ ޓްވީޓްގައިވެއެވެ.

އިންޑިއާއިން ސްރީލަންކާއަށް ދޫކޮށްފައިވާ 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކީ، ސްރީލަންކާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނުގެ އިތުރުން އެނޫންވެސް ޒަރޫރީ މުދާ ގަތުމަށް ދޫކޮށްފައިވާ ކްރެޑިޓްލައިނެއް ކަން، ހައި ކޮމިޝަނުން ވަނީ ތަފްސީލު ކޮށްދީފައެވެ.

އަސްލަށް ބަލާއިރު ހަގީގަތެއް އެކުލެވިގެން ނުވަ ރިޕޯޓްތަކީ ދޭދޭ ގުޅުންތަކަށް ބިނާކުރަނިވި ބަދަލެއް ގެނުވާ ރިޕޯޓްތަކެއް ނޫން ކަމަށާ، މިވަގުތު ސްރީލަންކާގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް ރިއާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް އެކަމުގެ ސަބަބުން ފައިދާއެއް ނުކުރާނެ ކަމަށް ހައިކޮމިޝަނުން ފާހަގަ ކުރެއެވެ.

ސްރީލަންކާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޒަރޫރީ މުދާ ހޯދުމުގައި އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކަށް ލިޔެއް ހޯދާދިނުމުގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، އިންޑިއާ ސަރުކާރުން، 1 ބިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް، ސްރީލަންކާއަށް ދޫ ކުރީ މާޗް 17، 2022 ވަނަ ދުވަހުއެވެ.

ބޭރު ފައިސާގެ ރިޒާވާއި ލިކުއިޑް ރިޒާވް މުޅިންހެން ހުސްވެ، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކާވެސް އިއުލާން ކޮށްފައެވެ. ނަމަވެސް، އަމުރަށް ބެލުމެއް ނެތި، ސަރުކާރާ ދެކޮޅު މުޒާހަރާތައް އަދިވެސް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.