ރޭ ޅ. ގާއެޅިފަރު ފަރަށް އެރި ށ. ފޯކައިދޫ ބޯޓު މިއަދު މާލެ އައިސްފިއެވެ.

ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން "ފުރާގު 4" ބޯޓު ގާއެޅިފަރަށް އެރީ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 130 މީހުންނާއެކުއެވެ.

އެ ބޯޓުން ދަތުރުކުރި 130 އަށްވުރެ ގިނަ ދަތުރުވެރިން ނައިފަރު ކައުންސިލް މެދުވެރިވެ އެ ރަށަށް ގެންގޮސް އެ ރަށުގެ އާއިލާތަކުން ވަނީ ދަތުރުވެރިންނާ ހަވާލުވެ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް ދައްކާފައެވެ.

މީގެ އިތުރުން އެ ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާއި އޮޑިވެރިން އެ މީހުންގެ އުޅަނދުފަހަރު ބޭނުން ކޮށްގެން ބޯޓު ފުންކޮށް ރޭ ދަންވަރު 3 ޖެހިއިރު މާލެ އަންނަން ފުރިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބޯޓުން ދަތުރި ކުރި ވަރަށް ގިނަ މީހުންނަށް އޭނާ ފޯނުން ގުޅުއްވާ ވާހަކަ ދައްކެވި ކަމަށާއި އެ އެންމެންވެސް ދެއްކީ ކައުންސިލްގެ އިންތިޒާމު ތަކުގެ ފުރިހަމަ ވާހަކަ އާއި ހާއްސަކޮށް އެ މީހުންނާ ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާއި މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަތައް ކަަމަށެވެ.