ސްރީލަންކާގެ ސަރުކާރާއި ރައީސް އަދި ބޮޑުވަޒީރާ ދެކޮޅަށް މިއަދު އެ ގައުމުގައި ކުރިއަށް ގެންދާ ހަޅުތާލާއި އިހުތިޖާޖުގައި، 2000 އަށް ވުރެ ގިނަ ޓްރޭޑް ޔޫނިއަންއާއި އެ ޔޫނިއަންތަކުގެ މެންބަރުން ބައިވެރިވަމުން ދާ ކަމަށް، ސްރީލަންކާގެ ކޯޑިނޭޓިންގް ސެންޓާ ފޮ ޓްރޭޑް ޔޫނިއަންސް އިން ހާމަކޮށްފިއެވެ.

މިއަދުގެ ހަޅުތާލުގައި ސްރީލަންކާގެ އެތައް ހާށް ރައްޔިތުންނެއް ބައިވެރިވަމުން ދާއިރު، މިވަރުގެ ހަރަކާތެއް، ޓްރޭޑް ޔޫނިއަންތަކުން މީގެ ކުރިން ހިންގާފައި ނުވާ ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ސްރީލަންކާގެ ހުރިހާ ހިސާބެއްގައި ހަޅުތާލާއި އިހުތިޖާޖުތައް ކުރިއަށް ދާ އިރު، ސިއްހީ، ޕޯސްޓް، ދަތުރުފަތުރު އަދި ތައުލީމީ ނިޒާމުގެ ގިނަ ހިދުމަތްތަކަށް ބުރޫ އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާ ޓީޗާޒް ސާވިސް ޔޫނިއަނުން ބުނީ، މިއަދުގެ ހަޅުތާލާ ގުޅިގެން ސްކޫލްތަކުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުންވެސް މިއަދު ސްކޫލްތަކަށް ހާޒިރުވެވަޑައި ނުގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގެ ޓްރޭޑް ޔޫނިއަންތަކުން ވަނީ، ރޭލު އޮޕަރޭޝަންތަކާއި ޕްރައިވެޓް ބަހުގެ ހިދުމަތްތައް، ރޭ މެންދަމުން ފެށިގެން މެދުކަނޑާލާފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސްރީލަންކާ ޓްރާންސްޕޯޓް ބޯޑުގެ ޗެއާމަން ކިންގްސްލީ ރަނަވަކާ ވިދާޅުވީ، ބަހުގެ ހިދުމަތްތައް ދެމުން ދާ ކަމަށެވެ.

ސިލޯން ގަވަމަންޓް މެޑިކަލް އޮފިސާޒް އެސޯސިއޭޝަނުންވެސް ވަނީ މިއަދުގެ ހަޅުތާލަށް އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައެވެ. ކެންސަރާއި މާބަނޑު މީހުންގެ ވޯޑާއި ކުޑަކުދިންގެ ވޯޑު ފިޔަވާ އެހެން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން މިއަދު ޑިއުޓީއަށް ނުނިކުންނަވާނެ ކަމަށް ހަބަރު ލިބެއެވެ. ސަރުކާރަށް ނިސްބަތްވާ ޑޮކްޓަރުން މިއަދު ޑިއުޓީއަށް ނިކުންނެވި ނަމަވެސް، ރަމްޒެއްގެ ގޮތުގައި، އަތުގައި ކަޅު ބޭންޑެއް ބޭނުން ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އާންމުންގެ ޑިމާންޑްތަކަށް، މާދަމާގެ ނިޔަލަށް އިޖާބަ ދެއްވުމަށް، ސަރުކާރާއި ރައީސް ފެއިލްވެވަޑައިގެންފި ނަމަ، މެއި 11 ވަނަ ދުވަހުން ފަށައިގެން ދާއިމީ ހަޅުތާލަކަށް މި ހަރަކާތް ބަދަލުވާނެ ކަމުގެ އިންޒާރުވެސް ހަޅުތާލު ކޮމިޓީ ޓްރޭޑް ޔޫނިއަން ކޯޑިނޭޓިން ސެންޓަރުން ވަނީ ދީފައެވެ.