ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން، "ހައްދެއް ނެތް މިންވަރަށް" މުޅި ދުނިޔެއަށް، ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ދެއްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހަށް ދެއްވި މެސެޖެއްގައި މި އިންޒާރު ދެއްވަމުން ގުޓެރޭޒް ވަނީ، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން "ހައްދެއް ނެތް މިންވަރަށް" ދުނިޔެއަށް ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި، ކާބޯތަކެތީގެ ބައިނަލްއަގުވާމީ ސަޕްލައިއަށް ގެއްލުންވުން އެކަށީގެންވާ ކަމުގެ އިންޒާރުވެސް ގުޓެރޭޒް ވަނީ ދެއްވާފައެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައަކީ ތާކުންތާކު ނުޖެހޭ މޮޔަކަމެއް ކަމަށާއި، އެ ހަނގުރާމައަކީ ރަހުމެއްވެސް ނެތް ހަނގުރާމައެއް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އަދި ޔޫކްރައިން ހަނގުރާމައަކީ އެ ހަނގުރާމައިގެ ސަބަބުން ލިބޭ ބަވަނަވަންތަ ގެއްލުމުގައި ހައްދެއް ނެތް ހަނގުރާމައެއް ކަމަށްވެސް އދގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި، ގެދޮރު ގެއްލެމުން ދާ ދިއުމާއި ހިދުމަތްތަކަށް އަރަމުންދާ ބުރޫތަކުގެ ޗޭނަށް ހުއްޓުން އަންނަންޖެހޭ ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ. އަދި މި ވަގުތަކީ އެކަތިގަނޑަކަށްވެ، ހަނގުރާމައަށް ނިމުން ގެންނަންވީ ވަގުތު ކަމަށްވެސް ގުޓެރޭޒްވަނީ ސަލާމަތީ މަޖިލީހަށް ދަންނަވާފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމަށް މާނަފުން ހައްލެއް ބޭނުން ނަމަ، ޔޫކްރައިންގެ ދަނޑުވެރިކަމުގެ ސިނާއަތާއި ރަޝިއާއާއި ބެލަރޫސްގެ ގަހުކާނާ އުފެއްދުމުގެ ސިނާއަތް، ބައިނަލްއަގުވާމީ ބާޒާރުތަކާ އެއްކޮށް، ގުޅާލަންޖެހޭ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އަދި އެކަން ހަގީގަތަކަށް ހެއްދެވުމަށްޓަކާ، ވެދެއްވެން އޮތް އެންމެ ފުރިހަމައަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް މިހާރުވެސް ދަނީ ވަރުގަދަ ލޮޅުންތައް އަރަމުންނެވެ.