އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ކާމިޔާބު ކުރައްވައި އެންމެ ފުރަތަމައަށް ކުރައްވާނެ ކަމަކީ ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައި ހިންގަން ފެށުން ކަމަށް އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ކެމްޕޭންގައި ރ. ދުވާފަރަށް ވަޑައިގެން ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީސް ހިނގާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި އެންމެ ކުޑަ ވަރަކަށް އެ މަޖިލީހުގެ އިންތިހާބަކަށް ގޮވާލި އަޑެއް ވެސް އިވިވަޑައިނުގަންނަވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ދާއިރާ ރައީސުންނާއި މަޖިލިސް މެމްބަރުން އެ އިންތިހާބު ނުބާއްވާތީ ކަންބޮޑުވުންފާޅުކުރައްވާ ކަން އެނގިވަޑައިގަންނަވާ ކަމަށާއި މޭ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުން އޭނާ އެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ކަމަކަށްވެސް އިސްލާމީ މަޝްވަރާ މަޖިލިސްގެ އިންތިހާބަށް ގޮވާލާނެ ކަމަށެވެ.
ދިވެހި ގައުމާއި ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން ކަމަށާއި އިދިކޮޅު ފަރާތްތަކުން ދިއްކުރާ އިނގިލި އެއީ ގޯހެއް ކަން ދައްކަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެކަންކަން ކުރެވޭނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ދީން ހިމާޔަތްކުރުމާ ގުޅޭ ގޮތުން ހުރި ރަނގަޅު ކަންކަން ރައްޔިތުންނަށް ދެއްކިގެން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގައި އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބެއް އެންމެ ފަހުން ބާއްވާފައި ވަނީ 2011 ވަނަ އަހަރެވެ.