ނަޝީދުގެ މި އިންޒާރު އައިސްފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާ ކަން ޝައުނާ ހާމަ ކުރެއްވުމާ ގުޅިގެންނެވެ.
ޝައުނާއަކީ ރައީސް ނަޝީދުގެ ކޭމްޕްގައި ކުރިން މަސައްކަތް ކުރެއްވި ނަޝީދުގެ ގާތް ބެފުޅެކެވެ. ނަމަވެސް ޝައުނާ ވަނީ، ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ ވީޑިއޯ މެސެޖެއްވެސް ދެއްވާފައެވެ. އެ މެސެޖުގައި ޝައުނާ ވިދާޅުވީ، ފައްޒާޔަކީ ގިނަ ކަންތައްތަކުގައި ޝައުނާއާ ހިޔާލު ތަފާތުވާ ބޭފުޅެއް ނަމަވެސް ފައްޔާޒު ފާހަގަ ކުރެވެނީ، ކަންކަން ނިންމައި ދޭ އަދި ކޮޅެއްގައި ޖައްސާ ބެފުޅެއްގެ ގޮތުގައި ކަމަށް ޝައުނާ ވިދާޅުވެއެވެ.
ޝައުނާގެ އެވާހަކަތަކާ ގުޅިގެން ނާޝީދު ކޯފާވެވަޑައިގެންފައި ވާއިރު، ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފު ކަމަށާއި، ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކުރައްވައި އެމްޑީޕީ ކިޔުއްވައިދެއްވާން އުޅުއްވާނެ ކަމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބަކީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް، ޕާޓީ ދެ ފެކްޝަނަށް ބެހި، ސަރުކާގެ މަގާމު ތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ގިނަ މެންބަރުންވެސް ފައްޔާޒު ކޮޅަށް އަރާވަޑައިގަތުމަކީ އިންތިހާބު އިތުރަށް ފޯރިގަދަވެފައިވާ ސަބަބެކެވެ. ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ މަޖިލީސް މެންބަރު އިމްތިޔާޒު ފަހުމީގެ ފަހަތުގައި، ފެންނަނީ ރައީސް ނަޝީދަށް 100 ޕަސެންޓް ލޯޔަލް، ނަގާ ކިޔާ 6 އެއްކަ މެންބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު މެދުދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ރ. އުނގޫފާރު ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފަދަ މަދު ބޭފުޅުން ކޮޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބު އޮންނަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ.
ނަޝީދު އުއްމީދުކުރާ މަގާމެއްގެ ބޭނުމުގަ އެމްޑީޕީ މެމްބަރުންނަށް އަވާމެންދުރު ދައްކާ ގުއި ރޯނުގަ ޖައްސަން އުޅުއްވުމުގެ ބޭނުމެއްނެތެވެ. އެމްޑީޕީގެ ކުރިމަގު އޮތްގޮތް އާންމު މެމްބަރުންނަށް ސާފެވެ.