ރިސޯޓުތަކުން އެއްވެސް ބާވަތެއްގެ ކުނި ކަނޑަށް ނޭޅޭ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން އަންނަ އަަހަރަށް ފަސްކޮށް ފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މާަޗް މަހުގެ 30 ވަނަ ދުވަހު ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހު ފަސްކޮށްފައިވާ ކަމަށެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ކަމަށް އެ ސާކިއުލާގައި ބުނެފައި ވާއިރު، އެ ބަދަލު ގެންނަން ޖެހުނީ އެ ބަދަލުގެ ސަބަބުން ކުރިމަތި ވެދާނެ ދަތިތަކާ ގުޅިގެން އެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާ އެކު ކުރެވުނު މަޝްވަރާ އަށް ފަހުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ 15 އަހަރު ކުރިން އެ ގަވައިދު ކުރިން އޮންނަ ގޮތުން ވަކި ހާއްސަ ހާލަތްތަކުގައި، ވަކި ބާވަތްތަކުގެ ކުނި ކަނޑަށް އެޅުމުގެ ހުއްދަ ރިސޯޓުތަކަށް އޮވެ އެވެ. އެގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކަނޑަށް އެޅޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީވާ ބަޔާއި އެ ކުންޏެއް ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާނެ (ބަޔޯޑީގްރޭޑެބަލް) ތަކެތި ކަމަށް ބަޔާން ކޮށްފައި ވެއެވެ. އެގޮތަށް ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް އަދި ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށް ވެސް ގަ ވާއިދުގައި ވެއެވެ.

އެމަރަލްޑު މޯލްޑިވްސްއިން ކަނޑަށް އެޅި ކުނި

ނަމަވެސް މި ގަވާއިދަށް އަމަލުކުރަމުން ދާއިރު ބައެއް ރިސޯތްތަކުން ނާޖާއިޒް ފައިދާ ނަގައި ކަނޑަށް ކުނި އަޅާ މައްސަލަ މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އައީ އިތުރު ވަމުންނެވެ. އަދި އެފަދައިން ކުނި އަޅާ މަންޒަރު ފެންނަ ވިޑިއޯތައް ސޯޝަލް މީޑިއާގައި އާނމުކޮށް ގިނަ ބަޔަކު އައީ ޓޫރިޒަމް ދާއިރާއަށާއި ތިމާވެއްޓާ ބެހޭ އިދާރާތަކަށް ފާޑުކިޔަމުންނެވެ. އެ ސަބަބާ ހުރެ އެ ގަވާއިދަށް އިސްލާހެއްގެ ގޮތުގައި 5.3.3 ބވަނަ މާއްދާ އުވާލަން ވަނީ ނިންމާފައެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި އިތުރު ބަދަލުތައް ވެސް ގަންނާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާހު ގެނައި ބަދަލަށް އަމަލުނުކުރާ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ގަވައިދުގައި ބުނާއިރު، ފުރަތަމަ ފަހަރަށް 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ. ތަކުރާރު ކުރާ ނަމަ، 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރު ކުރާނަމަ، އެ ރިސޯޓެއްގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް އޮންނަ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

ކުނި އަޅާ މައްސަލައިގައި ހައްލު ހޯދަން ކުރި ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރުކޮށް ދެއްކި ވާހަކަތަކުގައި މަތީން ބުނެފައި ވަނީ ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ ވަރަށް އުނދަގޫވާނެ ކަމަށާއި ހާއްސަކޮށް ސަފާރީތަކަށް، ރަށްރަށަށް ކުނި ގެންދަން ދަތުރުކުރަން، ވަރަށް ދަތިވާނެ ކަމަށެވެ. އަދި ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން ހުއްޓޭނީ ކުނި މެނޭޖުކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ކުނި އުފުލާ ބޯޓުތަކެއްގެ ހިދުމަތް ލިބިގެން ކަމަށެވެ.

މިގޮތަށް މަޓީން ބުނާއިރު، ފަޅުރަށްރަށް ރިޮސޯޓް ހަދަން ދޫކުރަން ހުޅުވާލުމުން ހުށަހަޅާ ބިޑްތަކުގައި ރިސޯޓްތަކުގައި ކުނި ނައްތާލަން ބޭނުންކުރާނެ ވަސީލަތާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރާ ކަމަށާއި ނަމަވެސް އެގޮތަށް އަމަލު ކުރެވޭ ގޮތަށް ރިސޯޓްތައް ތަރައްގީ ނުކޮށް ތިމާވެއްޓަށް ގެއްލުން ދެނިވި ގޮތަކަށް މިކަން ކުރާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.