ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް 31 އަހަރު ފުރުން ފާހަގަ ކުރުމަށް ނޫކުލައިގެ ހެދުނު ތުރުކުރާ ގޮތަށް ހަމަޖައްސައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން މި އަހަރުގެ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިންމުކަން ރައްޔިތުންނާއި، ސަރުކާރަށް ހަނދާން ކޮށްދީ، ނޫސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ނޫސްވެރިކަމުގެ މިނިވަން ކަމަށް އިހްތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް ބާރުއެޅުން ކަމަށެވެ މީގެ އިތުރަށް ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ ސިފަތައް ދަމަހައްޓައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު ވަޒަންކޮށް އެކަންކަން ރައްޔިތުންނަށް ބުނެ ދިނުމާއި މަސައްކަތުގެ މާހައުލުގައާއި އަދި އެނޫން ވެސް ވަގުތުތަކުގައި ނޫސްވެރިން އެމީހުންގެ ގައުމީ ޒިންމާ އަދާކުރުމުގެ ތެރޭގައި، އަނިޔާވެ އަދި ފުރާނަ ގެއްލިދިޔަ ނޫސްވެރިންގެ ހަނދާން އައު ކުރުމަކީ މިދުވަސް ފާހަގަ ކުރުމުގެ މަގްސަދެއް ކަމަށް އެމްއެމްސީން ބުނެއެވެ.
މިއަހަރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ކެމްޕެއިން އެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް ރައްކާތެރި ކުރުމާއި، ނޫސްވެރިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަކީ ގައުމީ މުހިންމު ސިޔާސަތެއް ކަމަށް އެމްއެމްސީން ބުނެއެވެ.
އެގޮތުން މި ކެމްޕެއިން ކުރިއަށް ގެންދިއުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ކަންކަމަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ދޫކުރާ ހާއްސަ ބެޖް ބޭނުން ކުރުމާއި ނޫ ކުލައިގެ ހެދުން ގަމީސް ލައިގެން އުޅުމެވެ. ހަމައެއާއެކު މި އަހަރުގެ ޝިއާރާ ގުޅުވައިގެން ހަރަކާތްތައް ހިންގުން ނުވަތަ މުވައްޒަފުން މެދުވެރިކޮށް މިޝިއާރުގެ މަޤްޞަދު ހާސިލުވާނެ ފަދަ މެސެޖެއް އާންމުންނަށް ފޯރުކޮށް ދިނުމާއި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި PressFreedomMV# މި ހޭޝްޓެގް ބޭނުން ކުރުމުވެ. މިހަރަކާތް މީޑިއާ އިދާރާތަކުން ކުރިއަށް ގެންދާނީ މިއަދު ކަމުގައި ވިޔަސް ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީތަކުން މި ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
ހަމައެއާއެކު ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބަހުސްއެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބަހުސްގެ ބޭނުމަކީ ސްކޫލް ނިންމާ ކުދިންގެ މެދުގައި، ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންގެ މެދުގައި ނޫސްވެރި ކަމަށް ލޯބި ޖެއްސުމެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މުހިންމު ކަން ދަރިވަރުންނަށް އަންގައި ދިނުމާއި އާއްމު ރައްޔިތުންނަށް ނޫސްވެރިކަމުގެ މުހިއްމު ކަމާއި ގުޅޭ މައުލޫމާތު ބަހުސްއެއްގެ ސިފައިގައި ގެނެސްދިނުމަކީ މި ހަރަކާތުގެ ބޭނުން ކަމުގައި އެމްއެމްސީން ބުނެއެވެ. މިބަހުސް އޮންއެއާކުރާނީ މެއި މަހުގެ ފަހު ހަފްތާ ތެރޭގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވާފައި ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ރާވާފައެވެ. ލޭ ހަދިޔާކުރުމުގެ ކެންޕެއިންގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ ބަލި މީހުންނަށް ބޭނުންވާ ލޭ އަދި ލޭގެ ބާވަތްތައް ރައްކާތެރިކަމާ އެކު، ލިބެންހު ރިކަން ކަށަވަރުކުރުމަށް ގަވާއިދުން ލޭ ހަދިޔާ ކުރުމުގެ ބޭނުންތެރިކަމާ މެދު އާނުމު ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް އެމްއެމްސީން ބުނެއެވެ. މި ކެންޕެއިން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު މޯލްޑިވްސް ބްލަޑް ސާވިސްގައެވެ.
ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން، ލޮލުގެ ސްކްރީން ހިލޭ ކޮށްދިނުމާއި، ހަކުރު ބަލީގެ ސްކްރީން ހިލޭ ކޮށްދިނުން، ކުރިއަށްދާނެ ކަަމަށް ވެސް އެމްއެމްސީން ބުނެއެވެ. "ޝުކުރުވެރި ހިތަކާއެކު، ލޭ ހަދިޔާ ކުރަމާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ލޭ ހަދިޔާކުރުމުގެ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންގެ އިތުރަށް ރައްޔިތުންނަށް ވެސް ވަނީ ހުޅުވާލާފައި ކަމަށް އެމްއެމްސީން ބުނެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގެ ލަފާގެ މަތިން 1993 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ.ގެ އާންމު މަޖިލީހުން އިއުލާންކުރި ދުވަހެކެވެ. އޭގެފަހުން، މެއި މަހުގެ 3 ވަނަ ދުވަސް، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން އ.ދ ގެ ޔުނެސްކޯ ޖަމިއްޔާ އިން މި އަހަރުގެ ނޫސްވެރިކމަުގެ މިނިވަން ކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "Journalism under Digital Siege" އެވެ.