އެންމެ އާންމުކޮށް ބެނުން ކުރާ ބޭސްތަކުގެ އަގުންވެސް 40 ޕަސެންޓް ބޮޑު ކުރުމަށް، އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅެއްގައި އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާއިން ނިންމައިފިއެވެ.
ކާބޯތަކެތީގެ އިތުރުން ހަކަތައާއި ބޭސްވެރިކަމުގެ ސަމާނު ތަދުވެ، އަގު އުފުލެމުންދާ ދިއުމާ ގުޅިގެން އެ ގައުމުގެ އެތައް ސަތޭކަ ހާސް ރައްޔިތުންނެއް މުޒާހަރާ ކުރަމުން ދާ ސްރީލަންކާގެ ރައްޔިތުން ދަނީ، އެ ގައުމުގައި އަދު އޮތް ސަރުކާރުގެ އިސްތިއުފާއަށް ޑިމާންޑް ކުރަމުންނެވެ.
ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޗައްނާ ޖާޔަސުމާނާ ވިދާޅުވީ، އެންޓިބައޮޓިކްސް، ބޭސް ސިޓީއާ ނުލާ ދޫކުރާ ތަދުކަނޑުވާ ބޭސް އަދި ހިތުގެ އެކި ބަލިތަކާއި ހަކުރު ބަލީގެ ޕޭޝަންޓުންނަށް ދޭ ބޭހުގެ އަގުތައްވެސް އުފުލިގެން ދާނެ ކަމަށެވެ.
ސިނާއީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޭހުގެ އަގުތައް އުފުލަން ޖެހުނީ މަޖުބޫރުވެގެންނެވެ. ޑިސެމްބަރު މަހުން ފެށިގެން ދެގުނައަށް ބޮޑުވެފައިވާ ހަކަތައިގެ އަގުތަކަކީ ސިނާއީ އޮފިޝަލުންގެ ހުއްޖަތެވެ.
ރަސްމީ ރެކޯޑްތަކަށް ބަލާއިރު އޭޕްރިލް މަހު، ސްރީލަންކާގެ އިންފްލޭޝަން ރޭޓް ވަނީ 30 ޕަސެންޓް އުފުލިފައެވެ. މިއީ އެ ގައުމުގެ އިންފްލޭޝަން ރޭޓް، ރެކޯޑް މިންވަރަކަށް، ވިދިވިދިގެން އުފުލުނު 7 ވަނަ ފަހަރެވެ.
އެ ގައުމަށް ކޮންމެހެން ބޭނުން ޖެހިފައިވާ ޒަރޫރީ މުދާ އެތެރެ ކުރުމަށްވެސް މިއަދު އެ ގައުމުގައި އެކަށީގެންވާ މިންވަރަށް ބޭރު ފައިސާގެ ރިޒާވެއް ނެތް ކަމަށް ގަބޫލު ކުރެވެއެވެ. ބޭރު ގައުމުތަކަށް އެ ގައުމުން ދަރާފައިވާ ދަރަންޏަށް ބަލާއިރު، ހަލާސް ކުރަން ޖެހިފައި ވާ 51 ބިލިއަން ޑޮލަރުގެ ދަރަނި މިވަގުތު އަދާ ކުރެވޭނެ ގޮތެއް ނެތް ކަމަށް ސްރީލަންކާގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އަދި އެ ގައުމަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހާސްކަމުން ސަލާމަތް ކޮށްދިނުމުގެ ގޮތުން، ފައިސާގެ އެހީ ފޯރުކޮށްދިނުމަށް، ސްރީލަންކާގެ ސަރުކާރުން ވަނީ އެ ގައުމުން ބޭރުގައި ދިރިއުޅެމުންދާ ލަންކާ ރައްޔިތުންގެ ކިބައިން އެދިފައެވެ. މީގެ އިތުރުން އެ ގައުމުގެ ސަރުކާރުން ދަނީ ބޭރު ފަރާތްތަކުން އެހީގެ ގޮތުގައި ފައިދާ ދޫކުރޭތޯ މަސައްކަތްތަކެއް ކުރަމުން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.