ސަރުކާރުގެ ހަރަދުގައި ތ. ތިމަރަފުށީގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވަން ތިން ދުވަހަށް ވެފައި ވަނިކޮށް ބަޔަކު ގެއްލުން ދީފިއެވެ.

އެ ރަށުގައި އަޅާފައިވާ ދަނޑަށް ބަޔަކު ގެއްލުންދީފައި ވާ ފޮޓޯތަކެއް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ސޯޝަލް މީޑިއާ، ފޭސްބުކްގައި އާންމުކުރައްވާފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދަނޑުގެ ޓާފުގެ ބައެއް ބައިތައް ހުރީ ނައްޓާލައިފައެވެ. އަދި ގޯލްގައި ހަރުކޮށްފައިވާ ދާގަނޑުވެސް ބުރިކޮށްލާފައި ވާއިރު، ދަނޑަށް ގެއްލުން ދިނުމަށް ބޭނުން ކުރި ވަޅީގެ ފޮޓޮއެއްވެސް ވަނީ އާންމު ކުރައްވާފައެވެ.

https://www.facebook.com/MPMahloof/posts/549134536573783

އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ، ތިމަރަފުށީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައި ވަނީ ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށާއި، ދަނޑަށް ގެއްލުން ދީފައިވަނީ ހުޅުވަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ. މަހްލޫފް ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ގެއްލުން ވާނީ އާންމުންނަށެވެ.

"ކޮންމެ ސަބަބަކާހެދި ނަމަވެސް މިފަދަ ދެރަ އަދި ފިނޑި އަމަލުތަކުން ދުރުވާންޖެހޭ." މަހްލޫފް ވިދާޅުވިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތިމަރަފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ އެ ރަށުގެ ދަނޑަށް ބަޔަކު ގެއްލުން ދީފައި ވަނީ ދަނޑު ވަށައިގެން ހުރި ފެންސް ކަފާލައިގެން ވަދެ، މި ރަމަޟާން މަހުގެ 27 ވިލޭރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، އީދު ދުވަހު އެ ދަނޑު ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.

އެ މައްސަލަ މިހާރު ވާނީ ފުލުހުންނަށްވެސް ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ބުންޏެވެ.

ތިމަރަފުށި ޓާފް ދަނޑަށް ގެއްލުން ދިން އަމަލު ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ، ކޮންމެ ބަޔަކު އެކަން ކުރި ކަމުގައިވިޔަސް އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ލާބައަށްޓަކައި ހިންގާ މިފަދަ މަޝްރޫއުތަކަށް ގެއްލުންދީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ހިންގާ މިފަދަ އަމަލުތަކަށް އެއްވެސް ތަރުހީބެއް ނުދޭނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އެ ބަޔާނުގައި އިދިކޮޅުން ވަނީ މި އަމަލު ހިންގި ފަރާތްތައް ހޯދައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފައެވެ.

"އަދި ރަށުގެ ތަރައްގީއަށް ހުރަސް އެޅުމާއި ރަށުގައި ގާއިމް ކުރެވިފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރަމެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ތިމަރަފުށީ ޓާފް ދަނޑުގެ މަސައްކަތް ކުރުމަށް ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކުރީ ސެޕްޓެމްބަރު 29، 2020 ގައެވެ. ތިމަރަފުށި ދަނޑުގެ އިތުރުން އިތުރު އަށް ރަށެއްގައި ޓާފް ދަނޑު އަޅަން އެ ދުވަހު ވަނީ ހަވާލުކޮށްފައެވެ.