މާލެ ސިޓީގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގައި މިދުވަސްވަރު ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ ހާއްސަ ސަމާލުކަމެއް ދީގެން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަދިރި ކޮންޓްރޯލް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިގޮތުން މާލެ ސިޓީ ކައުންސިލްގެ ކޮންމެ ދުވަހެއްގެ މަސައްކަތް ތަކުގެ ތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުން ހިމެނޭ ކަމަށްސިޓި ކައުންސިލުން ބުނެއެވެ.. އަދި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަނަށް މަދިރި ބޭސް އެޅުމާއި، އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލްގެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަކީ އަބަދުވެސް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އެދިފައެވެ.

މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މިދުވަސްވަރު ހާއްސަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތް ތަކުގެތެރޭގައި މާލެ އާއި،ވިލިމާލެ ހިމެނޭހެން އެކި ސަރަހައްދުތައް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.