ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިންގެ ތަސައްވަރު ކިލަނބުކޮށް، ވަކި ފަރާތަކަށް ބުރަވާ ގޮތަށް އެ ޕާޓީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމު ނިންމުން އިސްތިއުނާފުކުރަން ފައްޔާޒްގެ ކެމްޕެއިން ޓީމުން ނިންމައިފިއެވެ.

ޝަކުވާ ބަލާ ކޮމިޓީން ނިންމުންތަކެއް ނިންމާފައިވަނީ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ، ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ހުށަހެޅި މައްސަލަތަކެއް ބެލުމަށް ފަހުގައެވެ.

ފައްޔާޒްގެ ޓީމުން ނެރުނު ބަޔާނުގައި ބުނީ، އެ ނިންމުންތައް ހުރީ އެމްޑީޕީން އާންމުކޮށްފައިވާ ގަވައިދުތަކާ ހިލާފަށް ނިންމާފައި ކަމަށާއި، އެހެންކަމުން ޕާޓީގެ ގުނަންތަކުން އިންތިހާބަށް ނުފޫޒު ފޯރުވާކަން ހާމަވާ ކަމަށެވެ.

އެ ބަޔާނުގައި ފުރަތަމަ ކަމަކަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ފާޙަގަކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކޮމިޓީއެއް އެކުލަވާލައި ޝަކުވާތައް ބަލާފައިވުމެވެ. ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ 48 ގަޑިއިރުތެރޭ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމައި އެ މައްސަލަ ހުށަހެޅި ފަރާތަށް އެންގުމެވެ. ނަމަވެސް އެ ނިންމުންވެސް އައިސްފައިވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ، ފައްޔާޒްގެ ހައްގުތަށް ގެއްލި، ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ކަމަށާއި، އެ ނިންމުންތައް ކުށްވެރިކުރާ ކަމަށްވެސް އެ ޓީމުން ބުންޏެވެ.

"އަދި ޕާޓީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާ ކަން ހާމަވާ ކަމަކެވެ."

އެހެންކަމުން، އެެ ނިންމުންތައް އިސްތިއުނާފު ކުރާނެ ކަމަށްވެސް ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުންޏެވެ.