ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްލާހުކުރުމަށް ގޮވައިލާ މަދަނީ ބައެއް ޖަމްއިއްޔާތަކުން އިސްނަގައިގެން ހުށަހެޅި ޕެޓިޝަންގެ މުއާލާތް ކެނޑިފައިވާ ކަމަށް ރައޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިތީގައި ހެލްތް މިނިސްޓަރު އަހްމަދު ނަށީމް ވިދާޅުވުމުން، އޭނާ އިސްތިއުފާ ދެއްވުމަށް މަދަނީ ބައެއް ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
އެ ޕެޓިޝަނުގައި ހުރިކަންކަން ދިރާސާ ކުރުމަށް ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ނަސީމް ވާހަކަ ދައްކަވާ ވީޑިއޯއެއް ވަނީ އެ ޕެޓިޝަން ހުށަހެޅުމުގައި މަސައްކަތް ކުރި ތިން ޖަމިއްޔާގެ ތެރެއިން ހޭންޑްސް ޓްގެދާ ޖަމިއަޔާއިން ޓްވީޓް ކޮށްފައެވެ.
އެ ކޮމިޓީގައި ނަސީމް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޕެޓިޝަނަކީ މާޗް މަހު ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމުން އޭގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެ ޕެޓިޝަން ހުށަހެޅި ފަހުން ވެސް ބައިވަރު ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް އާ ޕެޓިޝަނެއް ތައްޔާރު ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ނަސީމް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވެފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯ ތަކާއެކު އެއް މޭޒެއްގެ ދޮށުން ބައްދަލު ކުރައްވައި އޭނާ ވާހަކަ ދެއްކަވަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ މީހުންގެ ބޯ މޭރުމަތީގައި ޖެހޭ ވަރުން ވާހަކަ ނުދެއްކެވުނު ކަމަށެވެ. އެންޖީއޯތަކުން ގޮސް ތިބި މީހުންގެ ބޯ މޭޒުގައި ޖެހޭ ކަމަށް ނަޝީމު އެ އިޝާރާތް ކުރައްވަނީ، އެމީހުން މަސްތުގެ ހާލުގައި ތިބުމުން ނުވަތަ ނިދިގެން ތާއްޔާ ޖެހުން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ނަސީމް އިތުރަށް ވިދާޅުވީ މީގެ އިތުރުން ވެސް ބައިވަރު އެންޖީއޯތައް އެބަހުރި ކަމަށާއި އެ އެންޖީއޯތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެ ޕެޓިޝަން ހުށަހެޅި ތިން ޖަމިއްޔާއިން ވަނީ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓަރުގެ ވާހަކަ ކުށްވެރި ކުރާ ކަމަށާއި އެ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ނަސީމު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެއެވެ. އެ ޖަމއިްޔާތަކުގެ ތެރެއިން ހޭންޑްސް ޓުގެދާ ޖަމިއްޔާއިން ބުނެފައި ވަނީ، އެންޖީއޯތަކަށް ނަސީމު މަލާމާތް ކުރެއްވި ކަމަށާއި މަސްތުވާތަކެތީގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް ޖަމްއިއްޔާއަކާ ނަސީމު ބައްދަލު ކުރައްވާފައި ނުވާ ކަމަށެވެ.