ސަމާގީ ޖަނާ ބާލޭވޭގަޔާ(އެސްޖޭބީ)އަށް ރައްޔިތުންގެ އަޣުލަބިއްޔަތުން ބާރުތައް ހަވާލުކޮށްފި ކަމުގައި ނަމަ، އިގުތިސޯދީ އަދި މާލީ ހީނަރުކަމާއެކު މިއަދު ސްރީލަންކާ ވެއްޓިފައި ވާ އަނދަވަޅުން އެ ގައުމު ނަގާ ކޮޅަށް ޖަހާނެ ކަމަށް، ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސަ ވިދާޅުވެއްޖެއެވެ.

ހަމަ މި މޭރުމުން ސަޖީތު ވަނީ، ސަރުކާރާއެކު އެސްޖޭބީއިން ޑީލްތަކަށް ހަދަމުން ދާކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ. 6.9 މިލިއަން މީހުންގެ ވޯޓުދީ، މަޖިލީހުގެ 3 ބައިކުޅަ 2 ބައި ގޮނޑި ކާމިޔާޞު ކޮށްދިނުމުންވެސް ސްރީލަންކާގެ އަދުގެ ސަރުކާރުން ގައުމު ވައްޓާލީ ފުންމިން ނޭނގޭ އަނދަވަޅަކަށް ކަމަށް ސިފަ ކުރައްވަމުން ސަޖީތު ވިދާޅުވީ، އެފަދަ އިހުލާސްތެރިކަމެއް ނެތް ބަޔަކާއެކު އެސްޖޭބީއިން ހަދާނެ ޑީލެއް ނޯންނާނެ ކަމަށެވެ.

އަދި ސިޔާސީ އެއްބާރުލުމެއް ނެތި ގައުމުގެ އެތައް ސަތޭކަ ހާސް ޒުވާނުންނެއް އަމިއްލަ ނަފުސު ގުރުބާންކޮށް، މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ދާ އިރު، ސަރުކާރާއެކު ޑީލެއް ހަދާނީ ކިހިނަކުންތޯ ވެސް އިދިކޮޅު ލީޑަރު ވަނީ ސުވާލު އުފައްދަވާފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކާރިސާއަކީ ސަރުކާރުގެ ތެރޭގައި އޮތް ކާރިސާއެއް ކަމަށް ވެސް ސަޖީތު ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ސަރުކާރު ތެރެއިން އެއްބަޔަކު ބުނަމުން ދަނީ ރައީސް ވެރިކަމުން ދުރުވެވަޑައިގެން، ބޮޑުވަޒީރު އޭނާގެ އެ މަގަމު ދެމެހެއްޓެވުމަށް ކަމަށް ވާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ ރައީސް އޭނާގެ މަގާމު ދެމެހެއްޓެވުމަށްފަހު ބޮޑުވަޒީރު މަގާމުން ދުރުވެވަޑައިގަތުމަށް ކަމަށް ސަޖީތު ވިދާޅުވިއެވެ. އެ ހިޔާނަތަށް އެއްބާރުލުން ނުދިނުމުން، ޑީލް ހަދާ ކަމުގެ ތުހުމަތު ފެންމަތި ކުރީ ކަމަށްވެސް ސަޖީތު ވިދާޅުވިއެވެ.

އެސްޖީބީއިން ޑީލް ހެދި ކަމަށާ، ނަމަވެސް އެ ޑީލް ހަދާފައިވަނީ ސްރީލަންކާގެ 22 މިލިއަން މީހުންނާ ކަމަށްވެސް ސަޖީތު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން އިސް ނަގައިގެން، މިނިވަންކަމުގެ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދާ ބޮޑު ހަރަކާތުގެ 2 ވަނަ ދުވަހުގެ މުޒާހަރާތައް އިއްޔެވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކަން މިހެން އޮތް އިރު ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ގޯސްތަކެއް ހެއްދެވުނު ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ، މަގާމު ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.