ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެކައުންޓިން ދާއިރާއާ ގުޅޭ ކޯސްތައް ހިންގާ ފަރާތްތަކާ ދެމެދު މިއަދު، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)، ވިލާ ކޮލެޖް އަދި ކްލިކް ކޮލެޖާ އެކު ކަމަށެވެ.

މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދެވެ. އަދި އެމްއެންޔޫގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫ ބިޒްނަސް ސުކޫލުގެޑީން، އަބްދުލް ރަހްމާން މުބާރިކްއެވެ.

މީގެ އިތުރުން ވިލާ ވޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލޭޖުގެވައިސް ރެކްޓާ، ޑރ. އަލީ ނަޖީބްއެވެ. އަދި ކްލިކް ކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކްލިކް ކޮލެޖުގެއެކެޑެމިކް ޑީން، ދުންޔާ ހަމީދުއެވެ.

މިނިސްޓްރީން ބުނީ އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނުކުމެވި ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެކައުންޓިން ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން ޑައިވިން ދާއިރާއިންނާއި އިންފޮރްމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނު ހާސިލް ކުރުމުގެ ފުރުސަތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެކައިންޓިން ދާއިރާއާ ގުޅޭ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.