ކޮވިޑްގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް ރަޝިޔާ-ޔޫކްރައިން ކުރިމަތިލުންތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާ އެކު، ދުނިޔޭން ފަގީރުކަން ނައްތާލާއި، ހަމަހަމަކަން ގާއިމްކޮށް، މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ.
އދގެ އަންދާޒާތައް ދައްކާ ގޮތުން 107 އިގްތިސޯދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހި، އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ގައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެކެވެ.
ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާ އިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ އެތަން މިތަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަދިވެސް މި މައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސްކަމަށްވާ އދގެ އާއްމު މަޖިލީހުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.