އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން އަދިވެސް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުން ވައުދުވެވަޑައިގެންފިއެވެ.

ކިމް މިކަމަށް ވައުދުވެވަޑައިގަތީ އުތުރު ކޮރެއާގެ އަސްކަރީ ބާރުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ވަރުގަދަ ހެވިކަމުގެ ކުޅިވަރާ ދިމާކޮށްގެން ދެއްވި ތަގުރީރުގައެވެ.

އުތުރު ކޮރެއާގެ އަސްކަރީ ބާރުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހެވިކަމުގެ ހިނގާލުމުގައި، އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތައް ދައްކާލާފައިވެއެވެ. އެ ޒާތުގެ މިސައިލްތަކަކީ، އުތުރު ކޮރެއާއަށް ގެންގުޅުން މަނާ ކޮށްފައި ވާ މިސައިލްތަކެކެވެ.

2017 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް، އުތުރު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓު ކުރީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ކިމްގެ އަޒުމްފުޅަށް ކުޑަ ނަމަވެސް ހީނަރުކަމެއް އައިސްފައި ނުވާ ކަން، އެންމެ ފަހުގެ ތަގުރީރުން ހާމަވެއެވެ.

އެގޮތުން، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން މެކުހަށް ޖެހުމުގެ މަސައްކަތް އެންމެ ހަލުވި ދުވެލީގައި ކުރިއަށް ގެންދާނެ ކަމަށް ކިމް ވަނީ ވިދާލުވެފައެވެ. އަދި ކޮންމެ ފަދަ ވަގުތެއްގައިވެސް ހަރަކާތްތެރިވާން ޖެހިދާނެ ކަމަށް، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ފައުޖުން ތައްޔާރަށް އޮތުމަށްވެސް ކިމް ވަނީ ގޮވާލައްވާފައެވެ.