ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ގޮތުގައި ސިފަ ކުރަމުން އަންނަ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހުގައިވެސް، ބައިނަލްއަގުވާމީ ޓެރަރިސްޓް އުސާމާ ބިން ލާދިން، އެމެރިކާއަށް ހަމަލާތަކެއް ދިނުމަށް ރޭވިކަން ހާމަވެއްޖެއެވެ.

ސެޕްޓެމްބަރު 11ގެ ހަމަލާއަށްފަހު އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން 2011 ވަނަ އަހަރު ބިން ލާދިން މަރާލުމަށްފަހު އެމެރިކާގެ ނޭވީ ސީލުން ހޯދި ސިއްރު މައުލޫމާތަށް ބަލާއިރު، ފަސެންޖަރުން އުފުލާ މަތިންދާ ބޯޓުތަކުގެ ބަދަލުގައި، ޕްރައިވެޓް ޖެޓު ބޭނުން ކޮށްގެން އެފަދަ ދެވަނަ ހަމަލާއެއް ދިނުމަށް އުސާމާ ތާއީދު ކުރި ކަން ވަނީ ހާމަވެފައެވެ.

އޭގެ އިތުރުން އެމެރިކާގައި ރޭލު ދަތުރު ކުރާ ނިޒާމުން 12 މީޓަރެއް ހާ ތަން ބުރިކޮށްލުމަށްވެސް ބިން ލާދިން، އޭނާގެ ސަޕޯޓަރުންނަށް ގޮވާލި ކަމަށް އެ ލިޔެކިއުންތަކުން ހާމަވެއެވެ. އެފަދަ ކަމެއްގެ ސަބަބުން ރޭލު ދަގަނޑު މަތިން ކަހާލާ، އެތައް ސަތޭކަ ބަޔަކު މަރުވެގެން ދާނެ ކަމަށްވެސް އުސާމާ ބިން ލާ ދިން ގަބޫލު ކުރިއެވެ. 2011 ވަނަ އަހަރުވެސް މި ވާހަކަ އާންމުވިއެވެ.

މީގެ 11 އަހަރު ކުރިން ނޭވީ ސީލުން ޕާކިސްތާނުން އެއްކުރި ލިޔެކިއުންތައް ދިރާސާ ކުރީ އަލް-ގައިދާ ރިސާޗަރެއް ކަމަށް ވާ ނެލީ ލާހޫދު ވިދާޅުވީ، އެމެރިކާއިން އަފްގާނިސްތާނުގައި ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން ބިން ލާދިން އަށް ވަނީ ސިހުން ގެނުވާފައެވެ.

އެމެރިކާއިން އޭނާ "ފަހާ ދުވާތީ" 3 އަހަރެއްހާ ދުވަސް ވަންދެން، އޭނާގެ ގާތް މީހުންނާވެސް ބިން ލާދިން މުއާމަލާތު ނުކުރާ ކަމަށް ލިޔެކިއުންތަކުން ހާމަވެއެވެ.

އެމެރިކާގެ އޮޕަރޭޝަންގައި އުސާމާ ބިން ލާދިން މަރާލި ފަހުން، އަލް-ގައިދާގެ ކޮމާންޑަރުކަން ނެގީ، އޭނާގެ ނައިބަކަށް ހުރި އައިމަން އަލް-ޒަވާހިރީއެވެ.