އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މިސަރުކާރަށް ފާޑު ވިދާޅުވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި މަޖިލިސް މެންބަރުން ނިކުމެވަޑައިގެންފިއެވެ.

ނަޝީދު، އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެޕާޓީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ "ނުފެތުން" ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައި ވާއިރު ގިނަ ބައެއްގެ އިތުރުން ބައެއް އެމްޕީން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ނިކުވެވަޑައިގެންފައެވެ.

މިގޮތުން ށ. ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފެންނަ މަންޒަރަކީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިކުރުމަށް އިދިކޮޅުން އުކާނެ ދުނި ދަނޑިތަކާއި ކުޅޭނެ ކާޑުތައް ތައްޔާރުކޮށް ލިޔެދީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. މިފަދަ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަން ރާޝިދު ވަނީ ގޮވާލައްވާފައެވެ.

ރާޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސް އެމްޑީޕީ ސަރުކާރަށް "ބަވާ" ވަރަށް ވުރެ މި ސަރުކާރު މާ ކާމިޔާބު ކަމަށެވެ.

ރާޝިދުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ އީވާ ފެކްޝަންގެ އެކަކު ވެސް މިސަރުކާރު ދިފާއުކޮށް އަދި ސަރުކާރުގެ ސިޔާސަތު ވިއްކަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކަން ނުވެސް ކުރާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

އޭގެ ހެކި ފެންނަ ކަން ފާހަގަކުރައްވާ ނިހާދު ވިދާޅުވީ ސަރުކާރު ތެރޭގަައި ތިބެ ސަރުކާރު ބަލިކަށިކޮށް، ބަޣާވާތް ހިންގަމުންދާ ކަމަށެވެ. އަދި މިކަންތަކަށް އަވަހަށް ހައްލު ގެނައުމަށް ނިހާދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ސައުކާރަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވެފައި ވަނީ، މި ސަރުކާރަކީ އެމްޑީޕީގެ ހަމައެކަނި ސަރުކާރެއް ނޫން ކަމަށާއި، މި ސަރުކާރުގައި އެހެން ޕާޓީތައްވެސް ހިމެނޭތީ، އެމްޑީޕީގެ މެންބަރުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، އަދި ޕާޓީން ވެފައިވާ ވައުދުތައް ފުއްދުމަށްވެސް ހުރަސް އެޅިފައިވާ ކަމަށެވެ.

"މިވަގުތު މި ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާ އެކީ މި ޕާޓީ ނުފެތުން." އެމްޑީ÷ީ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވެއެވެ.