ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދެމުންދާ ކޯލްސެންޓަރު 1676ގެ ހިދުމަތް ދޭނީ ހަމައެކަނި ރަސްމީ ގަޑިތަކުގައި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މި ކޯލް ސެންޓަރުގެ ހިދުމަތް ރަސްމީ ގަޑިތަކުގައި ދޭން ފަށަނީ މާދަމާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، މި ބަދަލާއެކު، ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކޯލް ސެންޓަރާ ގުޅައިގެން ހަމަޖައްސަމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީނުގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަންޖެހޭ ހާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކާ ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ސިއްހީ ފަރުވާ ހޯއްދުމަށް އެދިފައެވެ.

އަދި މި ފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ހާލުބޮޑުވެ، އެމެޖެންސީ ގައި ފަރުވާދޭންޖެހޭ ފަރާތްތައް އެމެޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ނަންބަރަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.